ރޭ ރާއްޖެ ގެނައީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ތޯ ނުވަތަ ނޫންތޯ އާންމުން ސުވާލު އުފައްދަނިކޮށް، އެއީ ލުތުފީކަން ޕްރޮފެސަރު އުގެއިލް ކަށަވަރުކޮށްދެއްވައިފި އެވެ.

ރޭ ލުތުފީ ރާއްޖެ ގެނައުމުން އާންމުވި ފޮޓޯތަކަށް ބަލާ، އެއީ ލުތުފީތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. އަދި އުގެއިލްގެ ފޭސް ރިކޮގްނިޝަން ސިސްޓަމް ބޭނުންކޮށްގެންް، ރޭ ރާއްޖެ ގެނައީ ލުތުފީތޯ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްވެސް ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ.

ލުތުފީގެ ބަހުސް ހޫނުކޮށް ކުރިއަށް ދަނިކޮށް، މިއަދު ޕްރޮފެސަރު އުގެއިލް ވަނީ ލުތުފީ 2012 ވަނަ އަހަރު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ގެންދިޔައިރުގެ ފޮޓޯ އަކާއި ރޭ ރާއްޖެ އައި އިރު ނަގާފައިވާ ތިން ފޮޓޯއެއް އަޅާކިޔާ، ކުރީގެ ފޮޓޯއިން ފެންނަ މީހާ އާއި ރޭގެ ފޮޓޯތަކުން ފެންނަ މީހާ އަކީ އެކަކު ކަން ކަށަވަރުކޮށްދެއްވައި ސޯޝަލް މީޑިއާ އަށް ދޫކޮށްލައްވައިފައެވެ.

ލުތުފީ ރާއްޖެއިން ފިލައިގެން ގޮސް މި އުޅުނު ނުވަ އަހަރުގެ ތެރޭގައި ފިލައިގެން އުޅެން ފަސޭހައަކަށް ލުތުފީ މޫނުމަތީގެ ސާޖަރީއެއް ހަދާފައިވާ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އޭނާ އުޅުނީ ސިފަ ވެސް ބަދަލުކޮށްގެން "ޒާން"ގެ ނަމުގައި މުޅިން ލަންކާ މީހަކަށް ވެގެން އެވެ.

ލުތުފީ އަކީ ކެންސަރު ބައްޔަށް ފަރުވާ ކުރާ އުމުރުން ދުވަސްވީ މީހެއް ކަމަށް ރައްޔިިތުންގެ މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ވިދާޅުވިއެވެ. ނަމަވެސް ލުތުފީގެ މޫނުމަތިންނާއި ހަށިގަނޑުން، އޭނާ އަކީ ކެންސަރަށް ފަރުވާކުރާ، ކީމޯތެރަޕީ ނަގާ މީހެއް ފާޑު ނުޖަހާ ކަމަށާއި ލުތުފީ ފެންނަނީ ކުރިއަށްވުރެ ޖާނުން ވަރުގަދަކޮށް ކަމަށް ބުނާ މީހުންވެސް އެބަތިއްބެވެ.

މިހާރު އުމުރުން 70 އަހަރުގެ ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ދިޔުމުގެ ހުއްދަ ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. 2010 ވަނަ އަހަރު ރާއްޖެއިން ބޭރަށްގޮސް ލުތުފީ އުޅުނީ ފިލައިގެންނެވެ. ނުވަ އަހަރު ފަހުން އޭނާ ރާއްޖެ ގެނެސްފައިވަނީ ލަންކާގައި އުޅެމުން ދަނިކޮށެވެ. އޭޕްރީލްމަހު ލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު ލުތުފީ އަމިއްލަ އަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް ހަވާލުވީ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ނޮވެމްބަރު ތިނެއް 1988ގައި ލަންކާގެ ކުލީ ސިފައިންގެ ބަޔަކާއެކު ރާއްޖެ އައިސް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްްދުﷲ ލުތުފީ ރޭ ރާއްޖެ ގެނައިއިރު އާންމުންގެ މީހުންވެސް އެއާޕޯޓަށް ގޮސް ތިއްބެވެ. މީގެ 30 އަހަރު ކުރިން ލުތުފީ ހައްޔަރުކޮށްގެން ބިޑިއަޅުވައިގެން މާލޭ މަގުމަތީ ގެންދިޔައިރު ރައްޔިތުން ގޮވި އެއްޗެހި ރޭ ވެސް އޭނާ އާއި ދިމާއަށް ގޮވިއެވެ. އެކަމަކު، ރޭ އެއާޕޯޓުން އޭނާ ނިކުތްއިތު ހުރީ ބިޑި ނާޅުވައެވެ.

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެން އާދަމް ބިލްޑިން އަށް ލުތުފީ ގެންދިޔުމަށްފަހު، އޭނާ އަށް ކޮށްފައިވާ ހުކުމުގެ ބާކީ ބައި ތަންފީޒު ކުރުމަށް ވަނީ ކަރެކްޝަންސް އާ ހަވާލުކޮށްފަ އެވެ. އޭނާގެ ހުކުމުގެ ބާކީ ހަތަރު އަހަރު އޮތްއިރު ލުތުފީ ފިލައިގެން އުޅުނު މައްސަލަ ދަނީ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.