އެންދެރިމާގެ ކުރިމަތީގައި އެމްޑީޕީން ހިންގި މުޒާހަރާގައި ހިނގި ހަމަނުޖެހުމުގައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި ޣައްސާނު މައުމޫނު ގާނޫނާއި ޙިލާފަށް ފުލުހުން ހައްޔަރުކުރި ކުރުމާ ގުޅިގެން ފުލުހުންގެ ސްޕުރިންގްޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހާ ދެކޮޅަށް އަހުމަދު ފާރިޝް މައުމޫން ޕޮލިސް އިންޓެގުރިޓީ ކޮމިޝަނަށް މައްސަލަ ހުށައަޅައިފި އެވެ.

ފާރިޝް މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖިނާހާ ދެކޮޅަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަ ހުށައަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ސީދާ ޖިނާހުއާ ދެކޮޅަށް މައްސަލަ ހުށައެޅުއްވީ ގާނުނާ ޙިލާފަށް ސަރުކާރުގެ އިސްވެރިން އަންގަވާ ގޮތަށް ޣައްސާނު ހައްޔަރުކުރުމުގެ މުގުލުގައި ހުންނެވީ ޖިނާހު ކަމަށް އޭނާގެ ޢަމަލުތަކުން ގަބޫލްކުރެވޭތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެގިފައި އެބައޮތް ރައީސް އޮފީހުގައި އާއި ހޯމް މިނިސްޓުރީގައި އެމްޑިޕީގެ އިސް އެކްޓިވިސްޓުންނާއި އަދި މިނިސްޓަރާ އެކު ޣައްސާނު ފުލުސް އޮފިހަށް ހާޒިރުކުރުމަށް ވާހަކަ ދެއްކި ކަން. އެހެންކަމުން މިކަމުގައި ސިޔާސީ ކުލަޖެހިފައިވާ ވަރު އެނގޭތީވެ ސީދާ އޭނާއާ ދެކޮޅަށް މައްސަލަ މިހުށައެޅީ،" ފާރިޝް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޖިނާހުއާ ދެކޮޅަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހެއްކެއްގެ ގޮތުން ހުށައަޅުއްވާ ފައިވާނީ ކްރިމިނަލް ކޯޓުން ޣައްސާނު ހައްޔަރު ކޮށްފައި ވަނީ ގާނުނާ ޚިލާފަށް ކަމަށް ބުނެ ކޮށްފައިވާ ހުކުމް ކަމަށެވެ.

ފާރިޝް ތުހުމަތު ކުރެއްވި ގޮތުގައި ޖިނާހު އަށް ފާއިތުވި ދުވަސްތަކުގައި ފަސް ވަރަކަށް ޕްރޮމޯޝަނެއް ލިބިފަ އެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު ވެސް އޭނާ އަށް އިތުރު ޕޮރޮމޯޝަނެއް ލިބިފައިވުމަކީ ޣައްސާނު ދެ ފަހަރަކަށް ޕޮލިހަށް ހާޒިރުކުރުވައި އޭނަ ބަންދުކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގަ އެވެ.

"ފުލުހުންގެ ގާނޫނުގައި އޮންނާނެ ފުލުހުންގެ އަމިއްލަ އަމަލުތަކަށް ޒިންމާ އުފުލަން ޖެހޭނެ ކަމަށް، އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާ އަމިއްލަ ހައިސިއްޔަތުން ޒިންމާ އުފުލަން ޖެހޭނެ. ޖިނާއި ކޯޓުގެ]ކްރިމިނަލް ކޯޓްގެ[ ހުކުމުގައި ވަރަށް ސާފުކޮށް އެބައޮތް ޣައްސާނު ހައްޔަރުކުރީ ގާނޫނާއި ހިލާފަށްކަން. ގާނުނާއި ޚިލާފަށް ޣައްސާނު ހައްޔަރުކުރުމުގައި ޖިނާހުގެ ރޯލެއް އޮތްކަން ގަބޫލްކުރަން. އެހެންވެގެން ސީދާ ޖިނާހުއާ ދެކޮޅަށް މައްސަލަ ހުށައެޅީ." އޭނާ ވިދާޅުވި އެވެ.

ފާރިޝް ތުހުމަތު ކުރެއްވި ގޮތުގައި ފުލުހުންގެ ފަރާތުން ހިންގާ ޣައިރު ގާނޫނީ އަމަލްތައް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނުބަލަނީ ޖުޑީޝަރީއާ ދެކޮޅަށް ހިންގި ހަރަކާތެއްގެ ތެރެއިން އެންދެރިމާގެ ދޮށަށް އެއްވުމުން ކަމުގަ އެވެ. އަދި ޖުޑީޝަރީ އަށް އެންމެ ބޮޑަށް ފާޑުވިދާޅުވަނީ ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް ކަމަށާއި ޕޮލިސް އިންޓާގުރިޓީ ކޮމިޝަނުގެ އެންމެ އިސްފަރާތަކީ އޭނާގެ (ކޮއްކޮ) ސަހިންދާ އިސްމާއިލް ކަމުން އެ މައްސަލަ ބެލުމަށް ފަސްޖެހިވަޑައިގަންނަނީ ކަމަށެވެ.

ފާރިޝް އެހެން ވިދާޅުވި ނަމަވެސް މިދިޔަ އަންގާރަ ދުވަހު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ކަމަށް ބުނެ މި މަހުގެ 20 ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާގައި ބައެއްގެ ގެދޮރަށާއި މުދަލަށް ގެއްލުންދީ ހެދި އިރު އެކަން ހުއްޓުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Ahmed Faarish Maumoon (mp3)