ރަށްރަށުގައި ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަށް ހޯމް މިނިސްޓްރީ އިން އެހީ ދޭން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީ އިން ބުނީ ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަށް މިއަހަރުގެ ތެރޭގައި ހަތަރު ދާއިރާއަކުން 4.8 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގަބުރުސްތާނުގެ ވަށާފާރު ރޭވުމަށް ހަތަރު ރަށަކަސް 1.3 މިިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށާއި، ހަތް ރަށެއްގައި މަގުބައްތި ޖެހުމަށް 1.9 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީ އިން ހާމަކޮށްފައެވެއެވެ.

މީގެ އިތުރުން ހަ ރަށެއްގައި ކުޑަކުދިންގެ ޕާކުތަކާއި ފިނިމައިޒާންތައް އެޅުމަށް 1.7 މިލިއަން ރުފިޔާގެ އެހީ ދޭން ވެސް ހޯމް މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.

މި މަޝްރޫއުގެ ދަށުން 17 ކައުންސިލަކަށް އެހީ ދޭނެ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ހާމަކޮށްފަ އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު ހަފްސީ އަބްދުﷲ މިއަދު ސަން އަށް ވިދާޅުވީ ކައުންސިލްތަކަށް އެހީދޭން ހުޅުވާލި ފުރުސަތުގައި 90 އަށްވުރެ ގިނަ ކައުންސިލުން ކުރިމަތިލީކަމަށެވެ.

މިހާރު ކުރިއަށްދަނީ އެހީދޭނެ 17 ކައުންސިލް ކަނޑައެޅުމުގެ މަސައްކަތް ކަމަށާއި، ކައުންސިލްތަކަށް ފައިސާގެ އެހީދޭނީ، ކައުންސިލްތަކާއެކު އެއްބަސްވުމެއް ހެދުމަށްފަހު ކަމަށް ހަފްސީ ވިދާޅުވި އެވެ.

"މިހާރު ކުރިއަށްދަނީ ބައެއް މައުލޫމާތު ސާފުކުރުމުގެ މަސައްކަތް. އެ މަސައްކަތް ނިންމުމަށް ފަހު އެހީ ދިނުމުގެ ކުރިން އެއްބަސްވުމެއްގައި ސޮއިކުރާނެ،" ހަފްސީ ވިދާޅުވި އެވެ.