ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކޯފާވެ ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން އޭނާގެ ނަން އިއްވަައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ހެނދުނު 9:00ގައި ފަށައި ދުވަހުގެ މަސައްކަތްތައް ފަށަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމާ އެކު ޖާބިރު ވަނީ ނިޒާމީ ނުގުތާއެއް ނަންގަވައިފަ އެވެ.

ނިޒާމީ ނުގުތާއަށް ފުރުސަތު ދެއްވުމުން ޖާބިރު ރައީސް ނަޝީދަށް އަމާޒުކޮށް ކުރެއްވީ ސުވާލެކެވެ؛ "އިއްޒަތްތެރި މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރުމުގެ ފަހުގައި ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި ލިބިވަޑައިގެންނެވިތޯ؟"

އެއާ އެކު ޖާބިރުގެ ވާހަކަ މެދުކަނޑާލައްވައި ރައީސް ނަޝީދު ވިދާޅުވީ، ތިއީ ނިޒާމީ ނުގުތާއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ޖާބިރު އިށީންދެ ވަޑައި ނުގެން ހަރު އަޑުން ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން ރައީސް ނަޝީދު ވަނީ، ޖާބިރަށް އިށީނުމަށް ތަކުރާރުކޮށް ނަސޭހަތް ދެއްވައިފަ އެވެ.

"އިއްޒަތްތެރި މެމްބަރު ނަން އިއްވަން ޖެހިދާނެ އިނގޭތޯ، އިއްޒަތްތެރި މެމްބަރު އިށީންނަވާ!" ނަޝީދު އަމުރުކުރެއްވިއެވެ.

އެހެން ނަމަވެސް ޖާބިރު އިށީންދެ ވަޑައިނުގެން އަޑުގަދަ ކުރައްވަމުން ގެންދެވުމުން، ރައީސް ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވަވައިފަ އެވެ. އަދި ތަޅުމުން ބޭރަށް ޖާބިރު ނެރުމަށް މަޖިލީހުގެ ސާޖެންޓް އެޓް އާމްސްއަށް ރައީސް ނަޝީދު އެންގެވި އެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ މިހާ ހެނދުނާ މަނިކުފާނު ތިހާ ކޯފާވެގެން އުޅުއްވަން ޖެހޭ ސަބަބެއް. އަޅުގަނޑު އެދެނީ ކޮފީއެއް ބޯލައްވައި ހަދަވައިގެން ވަޑައިގަތުމަށް،" ރައީސް ނަޝީދު ޖާބިރަށް ދެންނެވި އެވެ.

ނަޝީދުގެ އެންގެވުމާ އެކު މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ޖާބިރުގެ ކައިރިއަާށް ވަޑައިގެން، ޖާބިރު ތަޅުމުން ނުކުތުމަށް ދެންނެވި އެވެ. ނަމަވެސް ޖާބިރު ވަނީ ކޮޅަށް ހުންނަވައިގެން ސާޖެންޓް އެޓްއާމްސްއާ ދިމާލަށް ވެސް އަޑުގަދަކުރައްވައިފަ އެވެ.

"ވަރަށް އިހުތިރާމާ އެކު ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރަށް ދަންނަވަން ކިޔަމަންތެރިކަމާ އެކު ތަޅުމުން ބޭރަށް ވަޑައިގަންނަވަން،" ރައީސް ނަޝީދު އިލްތިމާސްކުރެއްވި އެވެ.

ޖާބިރު ވަނީ ރިޔާސަތުގެ މޭޒުގެ ކައިރިއަށް ވަޑައިގެން ވެސް އަޑުގަދަ ކުރައްވައިފަ އެވެ. ނަމަވެސް އެންމެ ފަހުން ސާޖެންޓް އެޓް އާމްސްއާ އެކު ޖާބިރު ވަނީ ފަހުން ތަޅުމުން ނިކުންނަވައިފަ އެވެ.

މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، މަޖިލީހުގެ ނިޒާމު ގެއްލުވާލައިގެން މެމްބަރަކު ތަޅުމުން ބޭރުކުރި ފުރަތަމަ ފަހަރެވެ.