ޝަރުއީ ދާއިރާގެ ވާހަކަ ދައްކަނީ ސަރުކާރުން ނޫން ކަމަށާއި އެ ދާއިރާ އިން ސަރުކާރަށް އެއްވެސް ގޮންޖެހުމެއް ކުރިމަތިވެފައި ނުވާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު މޫސަ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ އޮތް ޖަލްސާގައި މޫސަ ވިދާޅުވީ ޝަރުއީ ދާއިރާއާ މެދު ސަރުކާރުން ކަންބޮޑުވެގެން އުޅޭ ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވާ ކަމަށާއި އެހެން ނަމަވެސް އަދުލުއިންސާފު ގާއިމް ކުރުމުގެ މައްސަލައިގެ ތެރެއަށް މިއަދުގެ ސަރުކާރުން ވަދެގެން ނޫޅޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ކޯޓަކަށް ގެންދިޔަ އެއްވެސް މައްސަލައެއްގައި ސަރުކާރަށް މާބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ، ސަރުކާރުން މައްސަލައެއް ހިފައިގެން އިންސާފު ހޯދަން ދިޔަ މައްސަލައެއްގައި މާބޮޑު ގޮންޖެހުންތަކެއް ސަރުކާރަކަށް ކުރިމަތި ވެފައި އޮތް ހެންނެއް،" މޫސަ ވިދާޅުވި އެވެ.

މޫސަ މިހެން ވިދާޅުވެފައިވާ އިރު ރާއްޖޭގެ ކޯޓްތަކުގެ ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވާ ގޮތަށް ކަމަށާއި މައުމޫނު މަސައްކަތް ކުރައްވަނީ ކޯޓްތައް މެދުވެރިކޮށް އަލުން ވެރިކަމަށް ވަޑައިގަންނަވަން ކަމަށް ބުނެ އެމްޑީޕީން ބޭރުގެ ޑިޕޮލަމެޓިކް މިޝަންތަކަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

ޝަރުއީ ދާއިރާ އިން ސަރުކާރަށް އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށް މޫސަ ވިދާޅުވި އިރު ރާއްޖޭގެ ބައެއް ކޯޓްތަކުން ކޮށްފައިވާ ހުކުމްތަކަށް ސަރުކާރުން ވަނީ ބޯ ނުލަނބައިފަ އެވެ. އެގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިން އުނިކުރި ބައި އަނބުރާ ދިނުމަށް ސިވިލް ކޯޓުން ކުރި އަމުރަށް ސަރުކާރުން އަދިވެސް އަމަލުކޮށްފައެއްނުވެ އެވެ.

އަދި ދައުލަތުގެ ޓީވީ އާއި ޜޭޑިއޯ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނާ ހަވާލު ކުރުމަށް ކޯޓުން ކުރި ހުކުމަށް އަމަލުނުކޮށް ވަނީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.