09 Jul 2019, 22:52
ކޮންމެ ދަރިވަރަކުވެސް މަސައްކަތްކުރަންވީ ރާއްޖެއަށް އުފެއްދުންތެރި އާ އިޖާދާތުތައް ކުރަން ތައްޔާރުވުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އޭ ލެެވެލް ޓޮޕް ޓެންގެ އެންމެ ރަނގަޅު 10 ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ހުރިހާ ޒުވާނުންވެސް މިއަދު އަޒުމް ކަނޑައަޅަންވީ، ދައުލަތުން ހޯދައިދީފައިވާ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ގައުމު އާރާސްތު ކުރުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ މަތީ ތައުލީމް ހާސިލު ކުރުމަކީ، ފޮތުގައި އޮންނަ ފިލާވަޅެއް ނުވަތަ ޔުނިވަރސިޓީގައި ދޭ ލެކްޗަރެއް ދަސްކޮށްލުން އެކަނި ނޫން ކަމަށެވެ. އަދި ވިދާޅުވީ މަތީ ތަޢުލީމުގެ ހަގީގީ މަގުސަދަކީ، އެމީހަކު އުނގެނޭ އިލްމެއް، އެމީހެއްގެ ހަޔާތުގެ ޢަމަލީ މައިދާނުގައި ބޭނުންހިފާނެގޮތް އެނގުންކަމަށެވެ.
"ކޮންމެ ދަރިވަރަކުވެސް މިހާރުން ފެށިގެން ގަދައަޅައި މަސައްކަތް ކުރަންވީ، ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އުފެއްދުންތެރި އާ ގޮތްތައް އީޖާދުކުރަން ތައްޔާރުވުމަށް. މިއީ އަޅުގަނޑު ގަބޫލުކުރާގޮތުގައި، ގައުމުގެ ތަރައްގީއަށްޓަކައި ތިޔަ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މަތީ ޒިންމާއެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ ފެންވަރަށް އިލްމު އުނގެނިވަޑައިގެން ތިއްބެވި، ވަރަށް ތާޒާ ވިސްނުންތައް ގެންގުޅުއްވާ ބޭފުޅުން މިހާރުވެސް އެބަތިބި ކަމަށެވެ.
އެހެން ނަމަވެސް، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ، އައު އީޖާދުތަކާއި، އައު އުފެއްދުންތައް ލިބިގެން ނުނީ ތަޢުލީމަށް ސަރުކާރުން ކުރާ ހޭދައިގެ ފޮނިމީރުކަން، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ހާސިލް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.