09 Jul 2019, 22:44
ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިޒުނަ ނުލިބިގެން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ކުރީގެ ޕޮލިސް ކޮމިޝަނަރުން ދޮގުކުރައްވާފައިވަނިކޮށް މިނިސްޓަރުގެ ދިފާއުގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ހުރިތަނުގެ މައުލޫމާތު ލިބުމުން، އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ގިނަ މަސައްކަތަކެއް ދިވެހި ފުލުހުން ކުރި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވީ އުމަރުގެ އިޒުނަ ނުލިބިގެން ކަމަށެވެ. އަދި ލުތުފީ އަނބުރާ ގެނައުމަކީ މުހިންމުކަމެއް ނޫން ކަމަށް އުމަރު ވިދާޅުވިކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އެހެން ނަމަވެސް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް، ހުސެއިން ވަހީދު އަދި އަބްދުﷲ ރިޔާޒް ވެސް ވަނީ އިމްރާންގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
"މަޖިލިސް ތަޅުމުގައި ހޯމް މިނިސްޓަރު އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ. އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރުންގެ ދައުރު ނިމިދިޔަ އިރު ލުތުފީ ރާއްޖެ ގެނެވިފައެއް ނުވޭ،" ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
ލުތުފީ މިރޭ ރާއްޖެ ގެނައިސްފައިވާއިރު، އެކަންވީ ރައިސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހުންނަވައިގެން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އިމްރާންގެ ވާހަކައަށް ރައްދު ދެއްވައި އުމަރު މީގެ ކުރިން ވިދާޅުވީ، އިމްރާން ހެއްދެވީ ކަނޑައެޅިގެން ދޮގު ކަމަށާއި، ލުތުފީ ގެނައުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރީ ވެސް އޭނާ ކަމަށެވެ.
ލުތުފީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެ އަމިއްލައަށް ސަރުކާރާ ހަވާލުވި ފަހުން މަހަކަށް ވުރެ ދުވަސް ވީއިރުވެސް އެކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެކަން ފަޅާއަރުވައިލީ ވެސް އުމަރެވެ.
ލުތުފީ މިރޭ މާލެ ގެނައިސްފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ކަރެކްޝަނާއި ހަވާލު ކުރުމަށް ވަނީ ނިންމާފަ އެވެ.