09 Jul 2019, 21:29
ހިފާފައިވާ ގުދްސު (ޖުލައި 9 ): އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔިސްރާއީލް ކާތްސް މިދިޔަ ހަފްތާގައި ޔޫއޭއީގެ ވެރިރަށް އަބޫދަބީ އަށް ދަތުރު ކުރެއްވި އިސްރާއީލުގެ މަތިންދާބޯޓު ސައޫދީގެ ވައިގެ ސަރަހައްދުގައި އުދުހުމުގެ ހުއްދަ ސައޫދީ ސަރުކާރުން ދިންކަން އިސްރާއީލު ސަރުކާރުން ކަށަވަރުކޮށްދީފި އެވެ.
އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި އެގައުމުގެ ޚާރިޖީ ވަޒީރު ޔިސްރާއީލް ކާތްސް މިދިޔަ ހަފްތާގައި އަބޫދަބީ އަށް ވަޑައިގަތީ ސައޫދީ ވައިގެ ސަރަހައްދު ހުރަސްކޮށެވެ. އިސްރާއީލުގެ މަތިންދާބޯޓުތަކަށް ސައޫދީ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ދޭންފެށީ މިދިޔަ މާޗު މަހުން ފެށިގެންކަމަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއާ ހަވާލާދީ އެގައުމުގެ "ޔަދިއޯތު އަހްރަނޯތު" ނޫސް ބުނެ އެވެ.
ސައޫދީ އަރަބިއާއަކީ އަދި ވެސް އިސްރާއީލަށް ރަސްމީ ސިފައެއްގައި އިއްތިރާފްނުވާ އަދި ނަމުން އިސްރާއީލާ ދުޝްމަން ހާލަތުގައި އޮތް ގައުމެކެވެ. ނަމަވެސް ހަމާސް ޖަމާއަތްފަދަ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއިލުގެ އިސްތިއްމާރާ ދެކޮޅަށް ކުރާ ޖިހާދު ސައޫދީ ސަރުކާރުން މިފަހަކަށް އައިސް ސިފަކުރަނީ އިސްރާއީލާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގަ އެވެ.
މީގެ އިތުރުން ފަރުދާގެ އަނެއް ފަރާތުން ސައޫދީ ސަރުކާރުން އިސްރާއީލާ ގާތްގުޅުންތަކެއް ބާއްވަމުން ގެންދާކަން ވަނީ މުޅި ދުނިޔެއަށް ބޭޒާރުވެފަ އެވެ. މިކަމުގެ ސަބަބުންނާއި ޔަމަންގެ ހަނގުރާމައިގެ ސަބަބުން އިސްލާމީ ދުނިޔޭގައި ސައޫދީ ސަރުކާރުގެ އަގުވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.
ސައޫދީން މި އަހަރުގެ ކުރީކޮޅު އިންޑިއާގެ ގައުމީ އެއާލައިންސް އެއްކަމަށްވާ "އެއާއިންޑިއާ"ގެ ބޯޓުތަކަށް ވަނީ ސައޫދީ ވައިގެ ސަރަހައްދު ހުރަސްކޮށް އިސްރާއީލަށް ދަތުރު ކުރުމުގެ ފުރްސަތު ތަނަވަސް ކޮށްދީފަ އެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔިސްރާއީލް ކާތްސް މިދިޔަ ހަފްތާގައި އަބޫދަބީ އަށް ވަޑައިގަތީ އދ. އިން އިންތިޒާމުކުރާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށް އިސްރާއީލުން ބުނާ އިރު ކާތްސް ވަނީ އެދަތުރުފުޅުގައި ޔޫއޭއީގެ އިސް މަސްއޫލުވެރިއަކާ ބައްދަލުކުރެއްވިކަން މީޑިއާއަށް ކަށަވަރުކޮށް ދެއްވާފަ އެވެ.
ސައޫދީ އާއި ޔޫއޭއީ އަކީ އަރަބިންގެ ދުޝްމަނަކީ އިސްރާއީލުގެ ބަދަލުގައި އީރާން ކަމަށް ހެދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތު ތަންފީޒު ކުރުމުގައި އެންމެ އިސް ދައުރު އަދާކުރާ ދެގައުމު ކަމަށް "ޔަދިއޯތު އަހްރަނޯތު" ނޫސް ބުނެ އެވެ.
ފަލަސްތީނުގެ ބިމާއި މިނިވަންކަމުގެ ހައްގާއި ރެފިއުޖީން ވަޒަނަށް ރުޖޫއަވުމުގެ ހައްގުތައް ފައިސާއަށް ވިއްކާލުމަށް މަގުފަހި ކުރުމުގެ ގޮތުން ބަހްރައިންގައި އެމެރިކާ ބޭއްވި މަހާސިންތާ ފަލަސްތީނާއި ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރާ އެތަށް ގައުމަކުން ބޮއިކަޓް ކުރިއިރު އެ މަހާސިންތާ ބޭއްވުމުގައި އެމެރިކާއަށް އެންމެ ބޮޑު އެއްބާރުލުން ދިން ތިން ގައުމަކީ ބަހްރައިންއާއި ސައޫދީ އާއި ޔޫއޭއީ އެވެ.
ފަލަސްތީނުގެ ބިމާއި ހައްގުތައް ވިއްކާލުމަށް ހޭދަކުރުމަށް އެމެރިކާ ކަނޑައަޅާފައިވާ ފަންސާސް ބިލިޔަން ޑޮލަރުގެ ތެރެއިން 80 ޕަސެންޓް ޚަރަދު ކުރާނީ ވެސް ސައޫދީ އާއި ޔޫއޭއީ ންކަމަށް އެމެރިކާ ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)