ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ކަމަށް ބުނެ މި މަހުގެ 20 ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާގައި ބައެއްގެ ގެދޮރަށާއި މުދަލަށް ގެއްލުންދީ ހެދި އިރު އެކަން ހުއްޓުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއްކޮށްފައިނުވާ ކަމަށާއި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނެފި އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޝަރުއީ ކޯޓުތައް ވަށައިގެންވާ ސަރަހައްދުތަކުގައި މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމަށް ބުނެފައިވާ އިރު ސަރުކާރު ހިންގާ އެމްޑީޕީން ކޯޓު ދޮރުމަތީގައި މުޒާހަރާ ކުރަމުންދިޔަ އިރު މުޒާހަރާ ރޫޅާލަން ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެ މުޒާހަރާގެ ބައިވެރިން އެންދެރިމާގެ ސަރަހައްދަށް އެއްވެ ބައެއްގެ މުދަލަށާއި ގެދޮރަށް ގެއްލުންދީ ހެދި އިރު އެކަން ހުއްޓުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަން ވެސް އިންޓެގްރިޓީ ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ދުވަހުގެ ހަމަނުޖެހުންތަކުގައި ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވި ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އެކަންކަން ހިނގަމުން ދިޔައިރު އެތަންތަނަށް ދިޔަ ފުލުހުންގެ ޢަމަލުތައް ހުރި ގޮތުން އެކަން ކަމުގައި ފުލުހުން ޢަމަލުކޮށްފައި ވަނީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނު ނަމްބަރު (5/2008)ގައި ކަނޑައަޅާފައިވާ ފުލުހުންގެ ވާޖިބުތަކާ އެއްގޮތަށް މިނިވަންކަމާ ހަމަހަމަކޮށް ކަމާ މެދު ސުވާލު އުފެދޭ،" އިންޓެގްރިޓީ ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

އެބަޔާނުގައި އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކޮށް ނިމުމުން ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުންގެ ވާޖިބު އަދާކުރުމުގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް ޢަމަލު ކުރުމަށް ވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޝަރުއީ ދާއިރާ މިނިވަން ކުރަން ކަމަށް ބުނެ، ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުނާއި އެމްޑީޕީގެ އެކްޓިވިސްޓުން ސުޕްރީމް ކޯޓު ކުރިމަތީގައި ފެށި މުޒާހަރާގެ މިސްރާބު ބަދަލުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގޭ ކައިރިއަށް އެއްވެ، އެ ގެއަށް ގެއްލުންދީ ހަމަނުޖެހުންތައް ވަނީ ހިންގާފަ އެވެ.

މުޒާހަރާގައި އެމްޑީޕީގެ ދިދަ ހިފައިގެން ތިބި ގިނަ އަދަދެއްގެ މީހުން ވަނީ އެންދެރިމާގެއާ އިންވެގެން ހުރި އެންދެރިގަސް ކިޔާ ގެއަށް ވެސް ގެއްލުންދީފަ އެވެ. އެ ގޮތުން އެގޭގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ވެސް ތަޅާލައި އެންދެރިގަހުގެ ގަރާޖެއްގެ ތެރޭގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުންދިން އިރު އެ ސަރަހައްދުގެ ބައެއް ގޭގެއިންނާއި އެކި ދިމަދިމާ އިން ވެސް ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދީ ގެއްލުންދޭން މަސައްކަތްކޮށްފަ އެވެ. އަދި އެންދެރިމާގޭ އިލްޔާސް އިބުރާހިމްގެ އަމިއްލަ ގެކޮޅު، އަލިވާގޭގެ ގަރާޖަށް ވަނީ ގެއްލުން ދީފަ އެވެ.

ބޮޑު މާރާމާރީގައި ދެފަރާތުން ބަދަލު ކުރި ހަމަލާތައް ގާތްގަނޑަކަށް 20 މިނިޓަށް ދެމިގެން ދިޔައިރު ވެސް އެ ސަރަހައްދުގައި އެ ދުވަހު އެކަން ހުއްޓުވަން އެއްވެސް ފުލުހަކު ނެތެވެ.