10:00


ރައީސް މައުމޫނުގެ ޚިޔާނާތުގެ މައްސަލައެއް ބަލަމުން ގެންދާ ކަމަށް ބޭރުގެ ނޫސްވެރިއަކަށް ސަރުކާރުން މަޢްލޫމާތު ދީގެން ޝާއިޢުކޮށްފައިވާ ނިއުސް ރިޕޯޓަކީ އެމަނިކުފާނުގެ އަގުވައްޓާލުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ ނާކާމިޔާބު މަސައްކަތްތަކުގެ އިތުރު ބޮޅެއް ކަމަށް ޑީއާރުޕީން ބުނެފި އެވެ.


ޑީއާރުޕީން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވިއިރު، ޚިޔާނާތްތަކެއް ވެވަޑައިގެންފައިވާ ކަމަށް ބުނެ އަދި އެ މައްސަލަތައް ބޭރުގެ އެކި ފަރާތްތަކުގެ އެހީގައި ބަލަމުންގެންދާ ކަމަށް ބޭރުގެ ނޫސްވެރިއަކަށް ދޮގު މަޢްލޫމާތު ދީގެން، އެމެރިކާގެ ނިއުޔޯކް ޓައިމްސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކީ، ރައީސް މައުމޫނުގެ އަގު ވައްޓާލުމަށްޓަކައި އެމް.ޑީ.ޕީ ސަރުކާރުން ކުރަމުންގެންދާ ނާކާމިޔާބު މަސައްކަތްތަކުގެ ތެރެއިން އިތުރު ބޮޅެއްކަން ޑީއާރުޕީން ފާހަގަކުރާ ކަމަށެވެ.


ރައީސް މައުމޫނު އެފަދަ ޚިޔާނާތެއް ވެވަޑައިގެންފައިވާ ކަމަށް ދޭހަވާ ގޮތަށް އެ ރިޕޯޓުގައި އޮތް މަޢްލޫމާތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު އެމް.ޑީ.ޕީގެ މެމްބަރު އަދި މިހާރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު ޙަސަން އަފީފު ފެތުރުއްވެވި ފަދަ ރޯ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ.


ނިއުޔޯކް ޓައިމްސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކީ ފިނޭންސް މިނިސްޓަރު ޢަލީ ހާޝިމް މަޢްލޫމާތު ދެއްވައިގެން އެކުލަވާލެވިފައިވާ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓިގައި ހުރި ވާހަކަތައް ބިނާކޮށްފައި ވަނީ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ވަޒީފާއިން ވަކިކުރެވުނު ކުރީގެ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނަޢީމު، ރިޔާސީ އިންތިޚާބާ ގުޅުވައިގެން ނެރުނު ރިޔާސީ ގަނޑުވަރުގެ އޮޑިޓް ރިޕޯޓުގައި ހުރި އެކި ދެކޮޅުނުޖެހޭ ވާހަކަތަކަށް ބިނާ ކޮށްގެންކަން ފާހަގަކުރާ ކަމަށް ވެސް ޑީއާރްޕީގެ އެ ބަޔާނުގައިވެ އެވެ.


ނަމަވެސް އެ ރިޕޯޓާ ބެހޭ ގޮތުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ އެ ރިޕޯޓް އެކުލަވާލުމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއްނުވާ ކަމަށް. ނަމަވެސް ވޯލްޑް ބޭންކުން ކުރިއަށް ގެންދާ އެސެޓް ރިކަވަރީ ޕްރޮގްރާމެއްގައި ރާއްޖޭން ވެސް ބައިވެރިވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.