09 Jul 2019, 16:39
ރާއްޖޭގެ ތިން ސަރަހައްދެއްގައި ކޯޒްވޭ އެޅުމަށް އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެޓް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އީއައިއޭ ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަަކަށް މައުލޫމާތު ދިނުން މިމަހުގެ 10 ވަނަ ދުވަހުގެ 11:00 ގައި ޕްލޭނިން މިނިސްޓްރީގައި އޮންނާނެ ކަމަށާއި މަސައްކަތާއި ބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ މިމަހުގެ 17 ވަނަ ދުވަހުގެ 11:00 އަށް ކަމަށެވެ.
ކޯޒްވޭ އެޅުމަށް އީއައިއޭ ހަދާ ތިން ސަރަހައްދަކީލ އަތޮޅުގައި ހިމެނޭ ލ. ކުނަހަންދޫ- ލ. މެންދޫ ކޯޒްވޭ އާއި ލ. ކަލައިދޫ- ލ. ދަނބިދޫ ކޯޒްވޭގެ އިތުރުން ލ. ހިތާދޫ- ލ. މެންދޫ ކޯޒްވޭގެ އިތުރުންތ. ވޭމަންޑޫ- ތ. ކިނބިދޫކޯޒްވޭ އާއިމ. މުލި- މ. ނާލާފުށި ކޯޒްވޭ އެވެ.
ނާލާފުއްޓާއި މުލި ގުޅައިލާ ކޯޒްވޭ އެޅުމަށް މިއަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނައިފައެވެ. އެ މަސައްކަތަށް 2,675,000 ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ.
ނާލާފުއްޓާއި މުލި ގުޅާލުމަށް އެ ދެރަށުގެ ކައުންސިލުން އެއްބަސްވެފައި ވަނީ 2015 ވަނަ އަހަރު އެވެ. މީގެ ކުރިން މުލީ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔއިރު އެ ދެރަށް ގުޅާލުމަށް ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން އިސްދޫ އާއި އެއްފަހަށް ކޮންނަ ކަލައިދޫ އާއި ދަނބިދޫ ގުޅާލުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށްވެސް މީގެ ކުރިން ވަނީ އިއުލާނު ކޮށްފައެެވެ. އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.