09 Jul 2019, 16:16
ޖޫން މަހު ޑެންގީ ހުން އަދި ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކުރި އަދަދު ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 2808 ކޭސް އަދި ޗިކުންގުންޔާ ޖެހިގެން 1296 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
އެޗްޕީއޭ އިން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މެއި މަހު 462 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައިވާ އިރު، ޖޫން މަހު އެ އަދަދު ވަނީ 337 ށް ދަށްވެފައެވެ.
ދެ މަހު ވެސް ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހދ އަތޮޅުންނެވެ. ހދ އަތޮޅުން 149 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި އިރު، ދެން އެންމެ ގިނައިން ޑެންގީ ރިޕޯޓުކޮށްފައި ވަނީ ރ އަތޮޅާއި ދ އަތޮޅުގެ އިތުރުން ހުޅުމާލެ އަދި މާލެ އިންނެވެ.
ވޭތުވެދިޔަ ދެ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަދަދު ވަނީ ދަށްވެފައެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޗިކުންގުންޔާ ޖެހިގެން 1296 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މެއި މަހު ޗިކުންގުންޔާގެ 328 ކޭސް ރިޕޯޓުކޮށްފައި ވާއިރު، ޖޫން މަހު ރިޕޯޓުކޮށްފައި ވަނީ 96 ކޭސް އެވެ. ޖެނުއަރީ އިން ފެށިގެން މެއި މަހާ ހަމައަށް ޗިކުންގުންޔާ އިތުރުވީ ނަމަވެސް، ޖޫން މަހު ޗިކުންގުންޔާ ވަނީ ދަށްވެފައެވެ.
އެޗްޕީއޭއިން ބުނީ މިއަހަރު މިހާތަނަށް ޗިކުންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ އިން ކަމަށެވެ. އެގޮތުން މާލެ އިން ޗިކުންގުންޔާގެ 389 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މާލެއަށް ފަހު ދެން އެންމެ ގިނައިން ޗިކުންގުންޔާގެ ކޭސް ރިޕޯޓްކޮށްފައިވަނީ ރ އަދި އ އަތޮޅުންނެވެ.
ޗިކުންގުންޔާ އަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ޗިކުންގުންޔާ އަކީ އެބަލީގެ އަލާމާތްތައް ޑެންގީ ހުމާއި ވަރަށް އެއްގޮތް ބައްޔެކެވެ. ޗިކުންގުންޔާ ޖެހުމުން ވަރަށް ބޮޑަށް ހުޅުތައް ދުޅަވެ، ހުޅުތަކުގައި ތަދުވެ ރިއްސައެވެ.