09 Jul 2019, 15:53
ލިކަމެކްއިން އިންތިޒާމް ކޮށްގެން ބާއްވާ ނައިޓް މާކެޓް މިމަހު 26 ފަށާގޮތަށް ނިންމައިފިއެވެ.
ލިކަމެކްއިން ބުނީ އެ ނައިޓްމާކެޓް އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި އެ ނައިޓްމާކެޓް ބާއްވާނީ ރަސްފަންނު ސަރަހައްދުގައި ކަމަށްވެސް ލިކަމެކްއިން ބުންޏެވެ.
ލިކަމެކް ނައިޓް މާކެޓްގައި 8 ފޫޓުގެ ޖުމްލަ 230 ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ސްޓޯލެއްގެ އަގަކީ 8،000 ރުފިޔާއެވެ. ހަމައެއާއިއެކު، ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ނެގޭނީ ތިން ސްޓޯލްކަމަށްވެސް ލިކަމެކްއިން ބުންޏެވެ.
ލިކަމެކްގެ މާކެޓިން މެނޭޖިން ޑިރެކްޓަރު މަރިޔަމް ސާޔާ "ސަން" އަށް ވިދާޅުވީ އެ ނައިޓް މާކެޓްގައި އަމިއްލަ ފިހާރަތަކަށާއި އަދި އަމިއްލަ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.
ނައިޓް މާކެޓް ބާއްވަން ނިންމިއިރު އިކޮނޮމިކް މިނިސްޓްރީން ވަނީ ނައިޓްމާކެޓާ ބެހޭގޮތުުން އާ ގަވައިދެއް ވެސް ވަނީ އެކުލަވާލައިފައެވެ. އެގޮތުން ނެރުނު ގަވާއިދުގައިވާ ގޮތުން ނައިޓް މާކެޓްތަކުގައި އިމްޕޯޓްކޮށްގެން މުދާ ވިއްކުމަކީ މަނާކޮށް އެ މާކެޓްތަކުގައި ވިއްކާ މުދަލަކީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާ ކަމުގައި ވާން ޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.