09 Jul 2019, 15:39
އެމްއެމްޕީއާރުސީގެ ޗެކްތައް އެ ހިޔާނާތުގައި ބައިވެރިވާ އެސްއޯއެފްގެ އެކައުންޓަށް ބީއެމްއެލްއިން ޖަމާކޮށްދީފައިވަނީ އުސޫލުތަކުގެ ބޭރުން ކަމަށާއި އެކަމުގައި ބޭންކްގެ މުވައްޒަފުންތަކެއްގެ މައްޗަށް ތުހުމަތުވާ ކަމަށް އޭސީސީއިން ބުނެފި އެވެ.
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފްއަށް ޖަމާކުރަން އެންޑޯސްކޮށްފައި ހުރީ އެމްއެމްޕީއާރުސީގެ ބޯޑުން ފާސްކޮށް ބީއެމްއެލްއާ ހިއްސާކޮށްފައިވާ ބޯޑް ރިޒޮލިއުޝަންގައިވާ އެންޑޯސްމަންޓް ޕޮލިސީއާ ހިލާފަށް ކަމަށެވެ.
"އެންމެ ބޭފުޅަކު މި ޗެކްތައް އެންޑޯސްކުރަން ސޮއިކޮށްފައި ހުރީ. އެކަމަކު މިއީ ކުންފުނީގެ އެންޑޯސްމަންޓް ޕޮލިސީއާ ހިލާފަށް ކޮށްފައި އޮތް ކަމެއް،" މުއައްވިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އިހުމާލާ ގުޅިގެން ޗެކްތައް ބަލައިގަތުމާއި ކުލެއާ ކުރުމުގެ މަރުހަލާގައި ވަޒީފާ އަދާކުރާ ބީއެމްއެލްގެ އެކި ފަންތީގެ 38 މުވައްޒަފަކާ ސުވާލު ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން އެމްއެމްއޭގެ ޗެކް ކްލަޔަރަންސް ޑިޕާޓްމަންޓްގައި ހަރަކާތްތެރިވާ މުވައްޒަފުން ވެސް ގެނެސް ސުވާލުކޮށްފައިވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.
"މީގެ ތެރޭގައި އަޅުގަނޑުމެން ވަކި ލެވަލްއަކަށް ނޫން މިބަލަނީ. ޗެކް ބަލައިގަތުމަށް ފަހު ދެން އެއަށް އެޕްރޫވަލް ދިން މީހުންނާއި މިހެން ގޮސް ބޭންކްގެ ހުރިހާ ފަންތިއެއްގެ އިހުމާލުތައް ބަލާނެ،" މުއައްވިޒު ވިދާޅުވި އެވެ.
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ކުރި ތަހުގީގުން ވެސް ބީއެމްއެލްގެ އިހުމާލު އެ މައްސަލައިގެ އޮތްކަން މީގެ ކުރީގެ ރިޕޯޓަކުން ވެސް ފާހަގަވާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އެގޮތުން އެހާ ބޮޑެތި ފައިސާގެ އަދަދުތަކެއް ހިމެނޭ ޗެކްތަކެއް އެސްއޯއެފްއަށް ޖަމާވަމުން ދިޔައިރު، އެކަން ކުރުމުގެ ކުރިން އެ ފައިސާގެ ސޯސްއާއި ޑިއުޑިލިޖެންސް ބޭންކުން ނަހަދާ އެކަން ކޮށްފައިވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.
"ބޮޑު އަކުރުން މި އޮންނަނީ ޖަހާފައި މިއީ އެމްއެމްޕީއާރުސީއަށް ލިބޭ ޗެކެއްކަން. އެހެން އޮއްވާ، އެމްއެމްޕީއާރުސީގެ މި ހުރިހާ ޗެކެއް މި ދަނީ އެސްއޯއެފްއަށް. އެހެން ތަނަކުން ނާދޭ އެސްއޯއެފްއަކަށް ޗެކެއް. ދެން ކީއްވެތޯ ބީއެމްއެލްއިން ނުބެލީ،" މުއައްވިޒު ވިދާޅުވި އެވެ. "އެ ޗެކްތައް ޖަމާކޮށްދީ ނިންމާފައި އެމްއެމްއޭއަށް ވެސް އެކަން ބޭންކުން މި އެލާޓްކުރީ. އެއީ އެމްއެމްއޭއިން ވެސް ފާހަގަ ކުރާ މައްސަލައެއް."
މިފަދަ ތުހުމަތުތަކެއް އޭސީސީ އިން ކުރި ނަމަވެސް ބީއެމްއެލްއިން މީގެ ކުރިން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފްއަށް ޖަމާކޮށްދިނީ ޗެކް އެންޑޯސްކުރުމުގައި ބޭންކުން ގެންގުޅޭ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ބީއެމްއެލްއިން އެކަން އަންގަން ޖެހޭ ފަރާތްތަކަށް އެންގި ވެސް ކަމަށެވެ.