09 Jul 2019, 15:40
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ކުރިމަތިކުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ ދެ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މިއަދުން ފެށިގެން މި މަހުގެ 16ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
ބްރޯޑްކޮމްއަށް އައްޔަނުކުރާ މީހާއަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވާންޖެހެ އެވެ. އަދި އެމީހަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ޝަރީއަތަށް ސާބިތުވެފައިނުވާ، ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވިފައިވާ މަގާމެއްގައި ހުރި ފަރާތަކަށް ވެގެން ނުވާނެ އެވެ.
މީގެ އިތުރުން ސިވިލް ސާވިސް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މީހުންނަށާއި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތު އޮތް މީހުންނަށް އެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ބްރޯޑްކޮމްގެ ދެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ސޮފްވާނާއި ކޮމިޝަނުގެ މެމްބަރު ހަސަން ނަބާހު އިސްތިއުފާ ދެއްވުމުންނެވެ.