އެމްއެމްޕީއާރުސީއިން ބޮޑު ހިޔާނާތުގެ ތެރެއިން ދޫކުރި ރަށް ނޫން އެހެން ރަށެއް ތަރައްގީކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީގެ ވެރިން ހާޒިރުކޮށް މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީއިން ރަށްތައް ދޫކުރުމުގައި އޮޅުވާލުންތަކާއި ގާނޫނު ހިލާފު އެތައް ކަމެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީއިން ކުއްޔަށް ދިން ރަށް ނޫން އެހެން ރަށެއް ޓޫރިޒަމްގެ ހުއްދަތައް ލިބިގެން ކުންފުންޏަކުން ތަރައްގީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރު ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ، އެމްއެމްޕީއާރުސީއިން ރަށް ދޫކުރި ކުންފުނިން ތަރައްގީ ކުރީ އެތަނާ ޖެހިގެން އޮތް ބިމުގެ ގޮތުން ބޮޑު ރަށެއް ކަމަށެވެ. މީގެ އިތުރުން އެހެން ރަށެއް ތިން ފަރާތަކަށް ކުއްޔަށް ދޫކުރި މައްސަލައެއްވެސް ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ރަށްރަށުގެ އޮފާ ލެޓާވެސް އެންމެ ފަހުން ވަގުތު އެހެން މީހެއްގެ ނަމަށް ޓްރާންސްފާ ކުރުމާއި އޮފާލެޓާތައް ވެސް ފައިސާ ނަގައިގެން ވިއްކާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

"ރަށްތައް ދޫކުރުމުގައި މިކަހަލަ އެތައް ކަމެއް ހިނގާފައި އެބަހުރި. އެގްރިމަންޓް ނެތިވެސް އަދި ފައިސާ އެއްގޮތަކަށް ވެސް ނުނަގާ ރަށްތައް ދޫކުރެވުފައި އެބަހުރި. މީގެ ގިނަ ކަންކަމަކީ ވެސް ގާނޫނުތަކާ ހިލާފަށް ހިނގިކަންކަން،" މުއައްވިޒު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީއިން ވަނީ، 49 އެއްބަސްވުމެއްގެ ދަށުން 57 ތަނެއް ކުއްޔަށް ދީފަ އެވެ. އެއީ 15 ފަޅަކާއި 42 ރަށެކެވެ.

އޭނާ ވިދާޅުވީ، ރަށްތައް ދޫކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ވެސް އިސްފަސްކޮށްފައި ހުރި ކަމަށެވެ. އެގޮތުން ރައީސް އޮފީހުން ހުއްދަ ލިބުމުގެ ކުރިން ރަށް ދޭނެ ފަރާތްވެސް ކަނޑައަޅައި އެގްރިމަންޓް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުއައްވިޒު ވިދާޅުވި ގޮތުގައި، ޓޫރިޒަމުގެ މަސައްކަތަށް ރަށެއް ހާއްސަ ކުރުމުގެ ކުރިން ރަށް އެމްއެމްޕީއާރުސީއިން ދޫކޮށްލާފައި ހުރި ކަމަށެވެ. އެއީ އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރުސީގެ ތެރެއިން ހުރިހާ ރާށެއް ދޫކޮށްފައި ހުރީވެސް ޓޫރިޒަމް ގާނޫނުގެ ދެ މާއްދާއަކާ ހިލާފަށް ކަމަށެވެ. އަދި ފަޅުރަށްތަކުގެ ގާނޫނާ ވެސް އެއްބަސްވުންތައް ހިލާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީއަށް ފަޅުރަށްތައް ދޫކުރެވިދާނެ ކަމާ މެދުވެސް ސުވާލު އުފެދޭ ކަމަށާއި ފަޅުރަށްތައް ދޫކުރުމާއި އެ ފައިސާ ލިބިގަތުމުގެ ހުއްދަ ކުންފުނީގެ ބޯޑުން ދީފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

"ބައެއް ރަށްރަށަށް ފައިސާ ދައްކާފައި އެބަހުރި އެސްއޯއެފްއަށް ލިބުނު އެމްއެމްޕީއާރުސީގެ ފައިސާއިން. އަނެއްކާ އެ ފައިސާއިން އެމްއެމްޕީއާރުސީއަށް ލިބުނީމާ އެ ގައިސާ މި ދަނީ އަނެއްކާ ވެސް އެސްއޯއެފް އެކައުންޓަށް. މިކަހަލަ ކަންކަން ހިނގާފައި އެބަހުރި،" މުއައްވިޒު ވިދާޅުވި އެވެ.

އޭސީސީއިން ހާމަކުރި ގޮތުގައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.