29 Oct 2011, 14:08
ލީގުގެ އެއްވަނަ މަޤާމަށް އެރުމަށް، މިރޭ މަޔޯކާއާ ދެކޮޅަށް ބާސެލޯނާ ނުކުންނާނީ މޮޅަށް ކުޅެ، މެޗް ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށް ބާސެލޯނާގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މި މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ބާސާގެ އަމިއްލަ ދަނޑުގައި މިރޭ ރާއްޖެ ގަޑިން 11:00 ގައެވެ.
މަޔޯކާއާ ދެކޮޅަށް ބާސާ މިރޭ ނުކުންނައިރު، ލީގައި ބާސާ އޮތީ 21 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެއް ވަނައިގައި 23 ޕޮއިންޓާ އެކު ލެވަންޓޭ އޮތްއިރު ދެ ވަނައިގައި 22 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ބާސާގެ ކޯޗު ގާޑިއޯލާ ބުނީ، ލީގުގެ ތިން ވަނައިގައި ޓީމް އޮތް ނަމަވެސް، އެއްވަނަ މަޤާމަށް ޓީމް އެރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. އެގޮތުން މިރޭގެ މެޗަށް ޓީމް ނުކުންއިރު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ދެ ސެންޓާ ބެކުން ކަމަށްވާ ޖެރާޑް ޕީކޭ އާއި ކާލްސް ޕުޔޯލް މިރޭގެ މެޗަށް ފިޓްވެފައިވުން ކަމަށް ގާޑިއޯލާ ބުންޏެވެ.
" ލީގުގެ އެންމެ ކުރި ހޯދުމަކީ ބާސާއަށް ކުރެވިދާނެ ކަމެއް. އަހަރެންނަށް ޔަގީން މިރޭގެ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދާނެކަން. ޓީމްގެ އެންޖެރީގެ މައްސަލަތައް މިހާރު ކުރިއަށް ވުރެ ރަށްގަޅު. އެކަމަކު މިރޭގެ މެޗުގައި ފެޑްރޯ ނުފެންނާނެ." ގާޑިއޯލާ ބުންޏެވެ.
މިރޭގެ މެޗުގައި ސްޕެއިން ފޯވާޑް ޕެޑްރޯ ނުފެންނާނެ ކަމަށް ކޯޗް ގާޑިއޯލާ ބުނެފައި ވާއިރު، އޭނާ ވަނީ ހުސްވި ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ގްރެނޭޑާއި ދެކޮޅަށް ބާސާ ކުޅެ، 1-0 ލަނޑުން ބާސާ މޮޅުވި މެޗުގައި އަނިޔާ ވެފައި ވެއެވެ. އެއަނިޔާގެ ސަބަބުން ޕެޑްރޯ ވަނީ ދެ ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.
ޕެޑްރޯ އަށް އަނިޔާވެފައިވާ ކަން ބާސާގެ ރަސްމީ ވެބްސައިޓުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. "ކުލަބުގެ މެޑިކަލް ޓީމުން ބުނާ ގޮތުގައި ޕެޑްރޯގެ ވާތު އުޅަނބޮށީގެ ކަށިގަނޑެއް ބިންދައިގެން ނުދިޔަ ނަމަވެސް ދިހަ އެއް ނުވަތަ ސޯޅަ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ،"
ޕެޑްރޯ ގެ އުޅަނބޮއްޓަށް ލިބުނު މިއަނިޔާ އާއި ގުޅިގެން ބާސާ މިރޭ ކުޅޭ މެޗުގެ އިތުރުން އެތުލެޓިކް ބިލްބާއޯ ކުޅޭ މެޗު ވެސް ޕެޑްރޯއަށް ގެއްލޭނެ ކަމަށް ބެލެވެ އެވެ. އަދި މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ވިކްޓޯރިއާ ޕުލްޒެން އާއި ދެކޮޅަށް ބާސާ ކުޅޭ މެޗު ވެސް ޕެޑްރޯ އަށް ގެއްލިގެން ދާނެ އެވެ.