09 Jul 2019, 14:03
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް، ސަރުކާރުގެ ފަރާތުން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
ފަނޑިޔާރުންގެ ބެންޗް އިތުރުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމް ހުށަހަޅުއްވައިފައި ވަނީ 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ކަނޑައެޅި ގޮތަށް ރުޖޫއަކޮށް، ހަތް ފަނޑިޔާރުންނަށް ބަދަލުކުރުމަށެވެ.
އެ ބިލު މިއަދު މަޖިލީހަށް ބަލައިގެންފައިވަނީ 72 މެމްބަރުންގެ ވޯޓާ އެކު އެވެ.
ދެހާސް ދިހަ ވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކާ ބެހޭ ގާނޫނުގައި ވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވޭ އިތުރު ހަ ފަނޑިޔާރުންނާ އެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށެވެ.
އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ފަހުކޮޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު ކޯޓުގެ ބެންޗު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކޮށްފަ އެވެ.
އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލުމަށް ޓަކައި 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައި ވަނިކޮށް، 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނެސް ބެންޗު ފަހަކަށް ބަދަލުކޮށްފައި ވަނީ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ކަމަށެވެ.
އެ އިސްލާހަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ވެސް އަލީ އާޒިމްގެ ބިލްގައި ބުނެފައިވެ އެވެ.