ހަފްތާ ބަންދަށް ހާއްސަ މާރުކޭޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެކު ޔޫތް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ "ހަފްތާ ރެސް" އިވެންޓް މި ހަފްތާ ބާއްވާނީ ހުޅުމާލޭގައި ކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.

ޔޫތު މިނިސްޓްރީ އިން މިއަދު ބުނީ ޖުލައި 12 ވަނަ ދުވަހު ހަފްތާ ރެސް ބާއްވާނީ ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ކަމަށެވެ. އަދި ޖެހިގެން އަންނަ ހަފްތާ ބަންދުގައި ހަފްތާރެސް ބާއްވާނީ ވިލިމާލޭގައި ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މީގެ ކުރިން ހަފްތާ ރެސް ބާއްވަމުން ގޮސްފައިވަނީ މާލޭ ރަސްފަންނު ސަރަހައްދުގައެވެ. އެ ސަރަހައްދު ބަދަލު ކުރުމަށް ސިޓީ ކައުންސިލުން ވަނީ ޔޫތު މިނިސްޓްރީ އާއެކު މަޝްވަރާކޮށްފައެވެ.

މާލޭ ސިޓީގެ ޑެޕިއުޓީމޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، ހަފްތާ ރެސް އަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް މުހިންމު އިވެންޓެއް ނަމަވެސް، އެ އިވެންޓް ބާއްވަނީ އެންމެ އެކަށީގެންވާތަނުގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ޝަމާއު ވިދާޅުވީ، ހަފްތާ ރެސް ބާއްވާ ސަރަހައްދު ބަދަލު ކުރަން ޖެހޭ މައިގަނޑު ސަބަބަކީ، އެ ސަރަހައްދުގައި އިވެންޓް ބާއްވާތީ އަޑުގަދަވުމުގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް އުނދަގޫވާތީ ކަމަށެވެ. ހަފްތާ ބަންދުގައި އެ ސަރަހައްދުގެ ކާރޫބާރޫކަން ވެސް ބޮޑުވެ އެވެ.

ހަފްތާ މާރުކޭޓް ބޭއްވުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.