09 Jul 2019, 13:42
ފައިސާ އާއި ޓެކުހާ ގުޅުންހުރި ބިލްތައް ހަމައެކަނި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ހުށަހެޅޭގޮތަށް ތާއީދު ކުރާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.
މެމްބަރު އެހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކުރަން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް، ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
އަލީ ހުސައިން ވިދާޅުވީ އެ ބިލަށް އޭނާ ދެކޮޅު ހަދަނީ ނޫން ކަމަށާއި، އެހެން ނަމަވެސް ފައިސާގެ އެއްވެސް މިންވަރެއް ދައުލަތުން ޚަރަދުކުރަން ޖެހޭ ނަމަ، އެ ބިލެއް ހުށަހަޅަން ވާނީ ސީދާ ސަރުކާރުން ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރު، ފައިސާ އާ ގުޅޭ ކަންކަމުގެ ބިލްތައް ހަމައެކަނި ސަރުކާރަށް ހުށަހެޅޭ ގޮތަށް އިސްލާހެއް ހުށަހެޅުއްވިއެވެ. އަލީ ހުސައިން ވަނީ މިއަދު އެ އިސްލާހަށް ތާއީދު ކުރައްވައިފައެވެ.
ނަމަވެސް އެ ބިލަށް ގެނެވުނު އިސްލާހާއެކު މިހާރު ހަމައެކަނި ސަރުކާރަށް ހުށަހެޅޭނެ ކަމަށް އޮންނަނީ ސީދާ ޓެކުހާ ގުޅޭ ބިލްތަކެވެ.
"އެކަމަކު އެއީ އެކަން ވާންޖެހޭނެ ގޮތް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" މެމްބަރު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުން ސީދާ ފައިސާ އިތުރު ކުރެވޭ ގޮތަށް އޮންނަ ބިލްތައް ހުރިހާ މެމްބަރުންނަށް ހުށަހެޅޭ ގޮތަށް އޮތުމަކީ ސަރުކާރަށް "ޖެއްސުންކުރަން" އިދިކޮޅަށް ފުރުސަތު ލިބޭ ކަމެއް ކަމަށެވެ.
އަލީ ހުސައިން އެހެން ވިދާޅުވެފައި ވާއިރު، މެމްބަރު ނާޒިމް މަޖިލީހަށް ހުށަހެޅި ބިލަކީ ކޯލިޝަން ޕާޓީތަކާ އެކު އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ހުށަހަޅައިފައިވާ ބިލެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވިއެވެ.
އަދި ލަތީފު ވަނީ ޖޭޕީ އިން ދައުލަތުގެ ބަޖެޓަށް ބުރަވާ ފަދަ ބިލެއް ހުށަހެޅުމުގެ މަގުސަދާ މެދު ވެސް ސުވާލު އުފައްދަވައިފައެވެ.
"އަޅުގަނޑު މި ދަންނަވަނީ މި ބިލު ހުށަހެޅީ ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި އެއް ނޫން. ނޫނީ މިބަލަށް ތާއީދު ނުކުރާ ވާހަކައެއްވެސް ނޫން،" އަލީ ހުސައިން ވިދާޅުވިއެވެ.