ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުން ހދ. ނެއްލައިދޫގައި ހެދި ޕާކް ހުޅުވައިފި އެވެ.

އިއްޔެ ހަވީރު އެ ޕާކް ހުޅުވައިދެއްވީ ބީއެމްއެލްގެ މާކެޓިން ޑައިރެކްޓަރު އައިޝަތު ޒަމްރާ ޒާހިރު އެވެ.

މިއީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހުޅުވާލީ ޕްރޮޖެކްޓްތަކުގެ ތެރެއިން މިއަހަރުގެ ފުރތަަމް ކުއާޓާގައި ހޮވުނު ފަސް ޕްރޮޖެކްޓުގެ ތެރެއިން ހޮވުނު ޕްރޮޖެކްޓެކެވެ.

ބީއެމްއެލްއިން ޕްރޮޕޯސަލްތައް ހޮވާއިރު ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށް ބަލާ ކަމަށެވެ.

ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދެމުންދާކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓުން ހުޅުވި ނެއްލައިދޫ ޕާކް-- ފޮޓޯ: ބީއެމްއެލް

ނެއްލައިދޫގައި އެ ޕްރޮޖެކްޓު ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅި އެރަށު ހާމިދު ރަޝީދު "ސަން" އަށް މައުލޫމާތު ދެމުން ބުނީީ އެ ޕްރޮޖެކްޓްގެ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް ގައި ކަމަށެވެ.

" ވީހާވެސް ބޮޑަަށް ޖަޒީރާވަންތަކަން ދައްކައިދެވޭތޯ އަޅުގަނޑުމެން ބެލީ ޕާކް ހެދިއިރު. މި ޕާކްގައި ހުންނާނެ އަންބަލިތަކާއި ޖޯލިފަތިތަކާއި ބާބެކިއުއާއި އަދި ހޮޅުއަށިތައްވެސް. ކުޑަކުޑަ މިނީ ލައިބްރަރީއެެއްވެސް." އޭނާ ބުންޏެވެ.

ހާމިދު ވިދާޅުވީ އެ ޕާކް ހެދުމަށް ނެއްލައިދޫ ކައުންސިލްއިންނާއި އަދި ހެޔޮ އެދޭ ފަރާތްތަކުގެ އެހީވެސް ލިބުނު ކަަމަށެވެ.

" ޕާކްގެ މިނީ ލައިބްރަރީއަށްވެސް ފޮތްތައް އެކި ބޭފުޅުން ހަދިޔާކުރި. އަޅުގަނޑުގެ ޕްރޮޕޯސަލް ކާމިޔާބުވެ، މި ފަންޑް ލިބުމަކީ މުޅި މި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ޕްރޮޖެކްޓަށް ފައިނޭންސް ކޮށްދެއްވިކަމަށްޓަކައި ބީއެމްއެލް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މި ޕާކުގައި މަސައްކަތްކޮށްދެއްވި ރަށުގެ އެންމެހާ ބޭފުޅުންނަށްވެސް މި ފުރުސަތުގައި ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން." ހާމިދު ވިދާޅުވިއެވެ.

ބީއެމްއެލް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ރައްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގޮތުން މިއަހަރު ނިމޭއިރު އެއް މިލިއަން ރުފިޔާ މި ފަންޑުގެ ދަށުން ދޫކެރެވިގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް ހުރި ކުއާޓަރތަކަށްވެސް ވީހާވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔުން." ނޫރައްދީން ވިދާޅުވިއެވެ.

ބީއެމްއެލްއިން މިދިޔަ އަހަރުވެސް ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިޔަށް ގެންގޮސްފައެވެ.

އެޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.