29 Oct 2011, 14:05
ސީޒަންގެ އެންމެ ފަހު މުބާރާތް، އެފްއޭކަޕްގެ ތަށި އުފުލައިލަން ވީބީ ފަސް ނުޖެހޭނެ ކަމަށާއި ތަށި ހޯދަން ކެތް މަދުވެފައިވާ ކަމަށް ކޯޗް ޖޭން ވަންލީ ބުނެފިއެވެ.
އެފްއޭކަޕްގެ ފައިނަލް މެޗަށް އަންނަ ހޯމަ ދުވަހުގެ ރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު، ވީބީގެ ކޯޗް ވަންލީ ބުނީ، ވީބީއަށް ދެން އޮތީ ސީޒަންގެ އެންމެ ފަހު މެޗް ކަމަށާއި އެ މެޗަކީ ވީބީއަށް ވަރަށް މުހިންމު މެޗެއް ކަމަށެވެ. އަދި އެމެޗް ކާމިޔާބު ކުރަން ވީބީއަށް މުހިންމުވާއިރު، މެޗް ކާމިޔާބު ކޮށް ސީޒަންގެ ފަހު ތަށި ހިއްލައިލުމުގައި ވީބީ ކުޑަކޮށް ވެސް ފަސް ނުޖެހޭނެ ކަމަށެވެ.
"ދެން އޮތީ ވަރަށް މުހިންމު މެޗެއް. އެމެޗް ކާމިޔާބު ކުރުން ވަރަށް މުހިންމު. ފައިނަލް މެޗަށް ޓީމް އޮތީ ފިޓްކޮށް. އުންމީދު ކުރަނީ މެޗް ކާމިޔާބުކޮށް ސީޒަންގެ ފަހު ތަށި މިފަހަރު ވީބީ އުފުލާލުމަށް،" ވަންލީ ބުންނެވެ.
ކޯޗު ބުނީ، ސީޒަންގެ ފަހު ފައިނަލަށް ވީބީ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު، ޓީމް އޮތީ އުންމީދާއެކު މެޗް ކާމިޔާބު ކުރަން ކަމަށާއި ޓީމުގެ ކުޅުންތެރިންގެ އަޒުމަކީ އަދި އުންމީދަކީ ވެސް ފަހު ތަށި އުފުލައިލުން ކަމަށެވެ. އަދި ވީބީއާ ދެކޮޅަށް ނުކުންނަ މާޒިއާ އަކީ މޮޅު ޓީމެއް ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް ވަންލީ ބުންނެވެ.
މިމުބާރާތުގެ ފައިނަލަށް ވީބީ ދަތުރު ކުރީ ވާދަވެރި ނިއުރޭޑިއަންޓް 2-1 ލަނޑުން ބަލި ކުރުމަށް ފަހުއެވެ. އަދި މާޒިޔާ ފައިނަލަށް ދަތުރު ކުރީ މި މުބާރާތުގެ ތަށި މިލްކުކުރަން ނުކުތް ވިކްޓަރީ 2-1 ލަނޑުން ބަލި ކުރުމަށްފަހުއެވެ. އެގޮތުން ވިކްޓަރީއާއި ނިއުއަށް ވަނީ މިމުބާރާތުގެ ތިން ވަނަ ހޮވާމެޗު ކުޅެންޖެހިފައެވެ. އެގޮތުން މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރެއެވެ.