09 Jul 2019, 12:56
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ދެކޮޅު ހަދައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް، ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންވެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް، 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑު ކުރާށެވެ.
އެ އިސްލާހުގައި ވާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރެވިފައިވާ ޚާއްސަ ދަފްތަރެއް އެކުލަވާލަން ވެސް ޖެހެ އެވެ.

ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް
މީގެ އިތުރުން، މީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000 ރުފިޔާގެ އެލަވަންސެއް ދޭން ވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ ބިލަށް މިހާރު މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެ އިސްލާހުގައި އުސޫލީ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، އެ ބިލުގައި ވަނީ ދައުލަތުގެ ބަޖެޓަށް ބުރަވާ އަދަދުތަކެއް ކަމަށެވެ.
"އެންމެ ފުރަތަމަ ކަމަކަށް އިޖުތިމާއީ ރައްކާތެރިކަން އެއީ އެމްޑީޕީގެ ލަފްޒުތަކެއް. އެމްޑީޕީގެ ޖުމްލަ ވިސްނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޯގާތެރިކަމާއެކު އަޅާލެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން،" ހަސަން ލަތީފު ވިދާޅުވި އެވެ.
އޭގެ މާނައަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށާއި، އޭގެ މާނައަކީ މާލީ މަންފާއެއް ފޯރުކޮށްދިނުން ނޫންކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
"އެއީ ދައުލަތުގެ އާމްދަނީ އިތުރުނުވާ ތަނުގައި، އިތުރު ޚަރަދެއް ކުރަންޖެހޭ ގޮތަށް ކުރަން އޮންނަ ކަމެއް ނޫން. މި ބިލް ހުށަހެޅިފައި އޮތީ އެ މަގްސަދު ހާސިލް ކުރާކަށް ނޫން. އެމްޑީޕީގެ ސަރުކާރުން ބަޖެޓު އެކުލަވާލަނީ ތަފާތުކޮށް. މެނިފެސްޓޯގައި ހުންނަ ކަންކަން ތަންފީޒު ކުރުމަށް އެކްޝަން ޕްލޭން އެއް ހަދަނީ. އެ ޕްލޭން އަށް ބަޖެޓު ކަނޑައަޅަނީ. މިހާރު ބަޖެޓު އޮތީ ކަނޑައެޅިފައި،" ހަސަން ލަތީފު ވިދާޅުވި އެވެ.
ހަސަން ލަތީފުގެ ވާހަކައިގައި ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީ އިން މަޖިލީހަށް ބިލެއް ހުށަހެޅި އިރު، އެއްވެސް ވަރަކަށް އެމްޑީޕީއާއެކު ނުވަތަ ފިނޭންސް މިނިސްޓްރީ އާވެސް މަޝްވަރާކޮށްފައި ނުވާކަމަށް ވިދާޅުވި އެވެ.
ލަތީފު ވަނީ ދައުލަތުގެ ބަޖެޓަށް ބުރަވާ ފަދަ ބިލެއް، އެއްވެސް މަޝްވަރާއެއް ނެތި ހުށަހެޅުމުން ޖޭޕީގެ ނިޔަތާމެދު ސުވާލު އުފައްދަވައިފަ އެވެ. އެހެންކަމުން އެފަދަ ބިލަކަށް ތާއީދު ކުރެވެން ނެތް ކަމަށް ލަތީފު ވިދާޅުވި އެވެ.
"އަޅުގަނޑު ފުރިހަމައަށް ތާއީދު ދައުލަތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތައް ރަނގަޅު ކުރަން މަޖިލީހުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް. ހަމަކަށަވަރުން ވެސް އެމްޑީޕީ އޮންނާނީ ތައްޔާރަށް. އެހެން ނަމަވެސް މިފަދަ ގޮތަކަށް ހުށަހަޅާ ބިލަކަށް އެމްޑީޕީ އިން ތާއީދު ނުކުރާނެ ކަން ވެސް އަޅުގަނޑަށް ފުރިހަމައަށް ޔަގީން،" ލަތީފު ވިދާޅުވިއެވެ.
ލަތީފުގެ އިތުރުން މަޖިލީހުގައި މިއަދު ވާހަކަދެއްކެވި އެމްޑީޕީގެ އެހެން މެމްބަރުން ވެސް ވަނީ އިނާޔަތް ބޮޑު ކުރަން ތާއީދު ނުކުރާ ކަމަށް ވިދާޅުވެފައެވެ.
އެ މެމްބަރުން ވިދާޅުވީ މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވަނި ހަމައެކަނި މާލީ އެހީތެރިކަން ނޫން ކަމަށާއި، ނިޒާމުގެ ތެރެއިން ތައުލީމީ ފަހި ފުރުސަތު ތަކެއް ފަސޭހަ ފުރުސަތުތަކެއް ލިބިގެން ދާން ޖެހޭ ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް
"އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން ކުޑަކުޑަވެސް ނުކުޅެދުންތެރިކަމެއް ހުންނަ މީހަކީ އެމީހަކު ބިތްޖެހި އިނދެ، ސަރުކާރުން ދޭ އެއްޗަކުން ހަމައެކަނި ބަނޑުފުރާލައިގެން އިންނަން ޖެހޭ ބޭފުޅުންނަށް ވާން ޖެހޭ ކަމަކަށް،" ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް ވިދާޅުވިއެވެ.
ބިލަށް ބަހުސް ކުރެއްވި އަމިއްލަ މެމްބަރުންނާއި ޕީޕީއެމް ޕީއެންސީ މެމްބަރުން ވަނީ ބިލަށް ތާއީދު ކޮށްފައެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އާބާދީގެ ނިސްބަތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިންސައްތަ ވަރަށް ކުޑަ ކަމަށާއި، އެވަރުގެ ބުރައެއް ދައުލަތަށް އުފުލެން ޖެހޭނެ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
"އެހެންވީމަ 5000 ރުފިޔާއެއް ނޫން ދޭންވީ. 7000 ރުފިޔާއެއް ނޫން ދޭންވީ. އެއް ލައްކަ ރުފިޔާ މަހަކު ދިޔަ ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންތައް ބެލެހެއްޓެން ވާނެ. ދައުލަތުން އެކަން ކުރަން ޖެހޭނެ. ދައުލަތުގެ ޚަރަދުތައް ކުޑަކޮށްފައި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށްފަ ވެސް އެކަން ކުރަން އެބަ ޖެހޭ،" ޖާބިރު ވިދާޅުވިއެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބެލެހެއްޓުމުގައި ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމަށާއި ދައުލަތުން މިހާރު ދޭ 2000 ރުފިޔާގެ އިނާޔަތަކީ އެއްވެސް އެއްޗަކަށް ނުވާ ކަމަށެވެ.
ތިމަރަފުށި ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒް ތާއީދު ކުރެއްވީ ސަރުކާރަށް ލިބޭ އާންމުދަނީއަށް ބަލާފައި، ދައުލަތަށް ބުރަ ނުވާ ގޮތަކަށް ދެވެން އޮތް އެންމެ ބޮޑު އިނާޔަތެއް ދިނުމަށެވެ.
ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ވަނީ އެމްޑީޕީގެ އެޖެންޑާ 19 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑުކުރަން ނެތް ނަމަ، އެކަން ހިމަނައިގެން ވެސް އެ އިނާޔަތް ބޮޑުކޮށްދިނުމަށެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވަނީ މާލީ އިނާޔަތް ބޮޑުކޮށްދިނުމުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތައުލީމާއު ތަމްރީނު ފޯރުކޮށްދޭ ފަރާތްތަކަށް ވެސް އިނާޔަތެއް ދިނުމަށެވެ.