ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކުރުމަށްފަހު، އެ ޕްރޮޖެކްޓު އަތުލުމުން އެމްޓީސީސީ އަށް 13 މިލިއަން ރުފިޔާގެ ގެއްލުންވީކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަލްޓަން ޕާކު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް އެމްޓީސީސީ އާ ހަވާލުކުރީ 2016 ވަނަ އަހަރުއެވެ. ނަމަވެސް އެއްބަސްވުން ބާތިލް ކުރުމަށްފަހު، އެމަސައްކަތް ހަވާލުކުރީ ސިފައިންގެ ވެލްފެއާ ކުންފުނި ސިފްކޯ އާއެވެ.

ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެކުްނފުނީގެ ހިއްސާ ދާރުން ވަނީ ކުންފުނިން ކުރިއަށް ގެންދިޔަ ބައެއް ޕްރޮޖެކްޓުތަކުން ކުންފުންޏަށް ގެއްލުންވެފައިވާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ޑިރެކްޓަރުންނާ ސުވާލުކޮށްފައެވެ.

"ސަލްޓަންޕާކުގެ ޕްރޮޖެކްޓަށްވީ ކިހިނެއްތޯ އަދި އެ ޕްރޮޖެކްޓުން ކުންފުންޏަށްވީ ކިހާވަރެއްގެ ގެއްލުމެއްތޯ" ހިއްސާދާރަކު ސުވާލު ކުރުމުން ސީއީއޯ ހަސަން ޝާހު ވިދާޅުވީ ސަލްޓަންޕާކު ޕްރޮޖެކްޓަކީ ކުރީ ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓުގެ ވަކި ހިސާބަކުން އެގްރިމެންޓް ބާތިލްކޮށް ފައިވާ ކަމަށެވެ. އެ މަސައްކައްފަހުން ކުރިއަށް ގެންދިޔައީ ސިފްކޯ އިން ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

"އެމްޓީސީސީ އަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނު ޕްރޮޖެކްޓެއް އެ ޕްރޮޖެކްޓަކީ. އެމްޓީސީސީ އަށް ގަތްގަނޑަކަށް 13 މިލިއަން ރުފިޔާގެ ގެއްލުންވި،"

ސަލްޓަންޕާކު ތަރައްގީކޮށް ރަސްމީކޮށް ހުޅުވާފައިވަނީ 2017 ވަނަ އަހަރުއެވެ. ޕާކު ހުޅުވީ ރަސްރަނި ބަގީޗާގެ ނަމަށް ބަދަލުކުރުމަށްފަހުއެވެ.