29 Oct 2011, 13:59
ސާކް ސަމިޓްގެ ސައިޑް ހަރަކާތްތަކުގެ ތެރޭގައި ފުވައްމުލަކުގައި ބާއްވާ ބީޗް ވޮލީ މުބާރާތުގައި 15 ޓީމް ބައިވެރިވެފައިވާކަމަށް މުބާރާތުގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގެ އަވަށްތަކަށް ހުޅުވާލައިގެން ދެ ޖިންސް ވަކިން ކުރިޔަށް ގެންދަން ރާވާފައިވާ މި މުބާރާތުގެ ފިރިހެނުންގެ ބައިގައި އަށް ޓީމް ބައިވެރިވެފައި ވާއިރު، އަންހެނުންގެ ބައިގައި ހަތް ޓީމް ވަނީ ބައިވެރިވެފައެވެ.
މުބާރާތާ ބޭހޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ފަޒާދު މިއަދު ވިދާޅުވީ، މުބާރާތުގެ ކުޅުން އަންނަ ނޮވެންބަރު އެކަކުން ހަތަރަކަށް ކުރިޔަށްދާއިރު މެޗުތައް ކުޅޭނީ ހެނދުނާ ހަވީރުއެވެ. އަދި މެޗުތައް ކުޅޭ ކޯޓް ތައްޔާރުކުރުމުގެ މަސައްކަތް ރޭ ފަށާފައި ވާއިރު، މުބާރާތް ފެށުމުގެ ކުރިން ކޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ފަޒާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބީޗް ވޮލީ މުބާރާތުގެ އިތުރުން ފުވައްމުލަކުގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ ފުޓްސަލް މުބާރާތާއި ބަށި މުބާރާތަށް ތައްޔާރުވުން ވެސް ވަރަށް ފޯރިޔާއެކު ކުރިއަށްދާ ކަމަށެވެ. އަދި މިދެ މުބާރާތް ވެސް ފަށަން ހަމަޖައްސާފައި ވަނީ ނޮވެންބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.