09 Jul 2019, 08:24
އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާފަދާރުން ތަމްސީލުކުރާނެ ދެ ޑިރެކްޓަރުންގެ ގޮތުގައި ފަތުހުﷲ އިސްމާއިލް އާއި އަހުމަދު އަބޫބަކުރު އިންތިހާބުކޮށްފިއެވެ.
ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފަތުހުﷲ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުވީ 35.20 ޕަސެންޓް ވޯޓުންނެވެ. އަހުމަދު އަބޫބަކުރު ބޯޑަށް އައްޔަނު ކުރުމަށް ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 34.20 ޕަސެންޓް މީހުން ވޯޓު ދިނެވެ.
އެމްޓީސީސީގެ ބޯޑުގައި އާންމުންގެ ތެރެއިން ދެ ޑިރެކްޓަރަކާއި ސަރުކާރުން އައްޔަނު ކުރާ ފަސް ޑިރެކްޓަރުން ތިއްބަވައެވެ.ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ޗެއާމަން މުހައްމަދު ފަހީމް އާއި ސީއީއޯ ހަސަން ޝާހުގެ އިތުރުން ޑިރެކްޓަރުން ކަމަށްވާ ޝާހިދު ހުސެން މޫސާ، އަބްދުﷲ ޝާއިރުގެ އިތުރުން ސިނާން އަލީ އެވެ.
ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ކުންފުންޏަށް 2018 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާ ނުބެހުމަށް ފާސްކޮށްފައެވެ. މިގޮތަށް ނިންމާ އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅީ ޑިރެކްޓަރުންގެ ބޯޑުންނެވެ. ސަބަބަކީ ކުންފުނީގެ ފައިދާ ދަށްވުމެވެ. ހިއްސާދާރުންނަށް ފައިދާ ނުބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 97.80 ޕަސެންޓު ހިއްސާދާރުންގެ ވޯޓާއެކު އެވެ.
ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީގެ ސާފު ފައިދާއަށް މިދިޔަ އަހަރު ލިބިފައިވަނީ 34.27 މިލިއަން ރުފިޔާ އެވެ. ދެހާސްސަތާރަ ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެން ކަމުން، މިދިޔަ އަހަރުގެ ސާފު ފައިދާ 2017 ވަނަ އަަހަރާ އަޅާ ބަލާއިރު 111 މިލިއަން ރުފިޔާ ދަށެވެ.
އެމްޓީސީސީ އިން ބުނީ ކުންފުނީގެެ ފައިދާ ދަށްވީ ދަތުރުފަތުރުގެ ސެކްޓާ އާއި ކުންފުނީގެ ކޮންނަބޯޓު، މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވެ، ހަރަދާ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުން ކަމަށެވެ.