09 Jul 2019, 08:58
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވެ ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބެހުމަށް ފާސްކޮށްފި އެވެ.
ރޭ ހޮޓެލްޖެންގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 97.80 ޕަސެންޓު ހިއްސާދާރުންގެ ވޯޓާއެކު އެވެ.
ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީގެ ސާފު ފައިދާއަށް މިދިޔަ އަހަރު ލިބިފައިވަނީ 34.27 މިލިއަން ރުފިޔާ އެވެ. ދެހާސްސަތާރަ ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެން ކަމުން، މިދިޔަ އަހަރުގެ ސާފު ފައިދާ 2017 ވަނަ އަަހަރާ އަޅާ ބަލާއިރު 111 މިލިއަން ރުފިޔާ ދަށެވެ.
އެމްޓީސީސީ އިން ބުނީ ކުންފުނީގެެ ފައިދާ ދަށްވީ ދަތުރުފަތުރުގެ ސެކްޓާ އާއި ކުންފުނީގެ ކޮންނަބޯޓު، މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވެ، ހަރަދާ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވާފައިވާތީ ކަމަށެވެ.
ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ކުރިއަށް އޮތް އަހަރު ކުންފުނި އޮޑިޓް ކުރުމަށް ޕްރައިސް ވޯޓާ ހައުސް ކޫޕާސް ކަނޑައެޅުމަށްވެސް ފާސްކޮށްފަ އެވެ. އެ ކުންފުންޏާ ކުންފުނި އޮޑިޓް ކުރުމަށް ހަވާލުކުރީ 400،262 ރުފިޔާ އަށެވެ.
މީގެެ އިތުރުން ރޭ ވަނީ 2018 ވަނަ އަހަރު ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި 2018 ވަނަ އަހަރުގެ ބެލެންސް ޝީޓާއި މާލީ ތަފާސް ހިސާބުތައްވެސް ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.
ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމްއެންއެސްއެލް ހިއްސާވާ އެމްޓީސީސީގެ ހިއްސާގެ ފައިދާ އަށް 2017 ވަނަ އަހަރު ވަނީ ހިއްސާ އަކަށް 2.6 ރުފިޔާ ބަހައިފަ އެވެ.
އެމްޓީސީސީ އަކީ ރާއްޖެގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް މުއާމަލާތް ކުރާ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ.