08 Jul 2019, 19:38
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާރާމާރީ ހިންގައި މީހަކަށް އަނިޔާކުރި ހަތް ފުލުހަކު ސަސްޕެންޑް ކޮށް ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މ.އުޖާލާގެ ފުލުހުން ބަަލާ ފާސްކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. އަދި ބަލާ ފާސްކޮށް އެގޭތެރެއިން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތެރެއިން ބަޔަކު އަނިޔާ ކުރީ އެ ބިދޭސީ މީހާއަށެވެ.
އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރު ކުރި އެވެ. އަދި އެގެއިން 461 ގްރާމް މަސްތުވާތަކެތި ހޯދި ކަމަށް ފުލުހުން ބުންޏެވެ.
"އެފަދަ އަމަލުތަކަކީ ފުލުހުންގެ ކޯޑް އޮފް އެތިކްސްއާއި ކޯޑްއޮފް ކޮންޑަކްޓާއި ހިލާފު އަމަލުތަކެއް ކަމުން ހާދިސާ ހިނގިރޭ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަން ތަހުގީގު ކުރުމަށް މި ސާވިސްގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑަށް އަންގަވާފައި." ފުލުހުންގެ ބަޔާނުގައިވެ އެވެ.
އަދި އަނިޔާކުރި މައްސަލައާއި ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑް ކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެމައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ހާއްސަ ޓީމެއް އެކުލަވާލައި އެމަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ އަނިޔާގެ އަމަލު ހިންގީ ވަކި ފުލުހުން ތަކެއް ކަމަށް ބުނެ ސޯޝިއަލް މީޑިއާގައި ދައުރުކުރާ ފޮޓޯތަކަކީ އެ ހާދިސާއާ ގުޅުން ހުރި ފޮޓޯތަކެއް ނޫން ކަމަށެވެ. އަދި ސައްހަ ނޫން މައުލޫމާތު ނުފަތުރަންވެސް އިލްތިމާސް ކުރި އެވެ.