ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ އިދާރާއަށް ވަތް ކަމަށް ބުނެ ދައުވާ ކުރި މައްސަލާގައި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތ ބިޝާމް އާ ސުވާލު ކުރަން މަޖިލީހުގެ ޖުޑިޝަރި ކޮމިޓީއިން ނިންމައިފި އެވެ.

ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެއީ ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ އިދާރާއަށް ވަތް މައްސަލާގަ އެވެ. އޭގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ހިމެނެ އެވެ.

އެމައްސަލައިގެ ދައުވާތައް ޕީޖީއިން އަނބުރާ ގެންގޮސްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިހާބުވެ ވަޑައިގެންނެވި ފަހުން މިދިއަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހު އެވެ.

ޖުޑިޝަރީ ކޮމިޓީއިން މިއަދު ނިންމާފައިވަނީ ޕީޖީ ބިޝާމް ކުރައްވާފައިވާ ބައެއް ދައުވާތަކާއި ގާނޫނާ ހިލާފު ކަންކަމާ ބެހޭގޮތުން މައުލޫމާތު ސާފު ކުރުމަށް މިމަހުގެ 16 ވަނަ ދުވަހުއެ ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

ކޮމިޓީއިން ސާފުކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި މެމްބަރުން ޖަލުގައި ހުންނެވިއިރު މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުކުރި މައްސަލައާއި، އޭރުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަނބިކަނބަލުން ރަހީނު ކުރި މައްސަލަ ހިމެނެ އެވެ.

އޭގެ އިތުރުން ޕީޖީ ކޯޓުތަކުގައި ވަކާލާތު ކުރާ ބައެއް މައްސަލަތަކުގައި ކުއްލި ކުއްލިއަށް ސްޓޭންޑް ބަދަލުވާ މައްސަލަ ސާފު ކުރުމަށްވެސް ޖުޑިޝަރީ ކޮމިޓީއިން ވަނީ ނިންމާފަ އެވެ.

މަޖިލީހަށް ވަދެގެން ދައުލަތުން ދައުވާ ކުރި 12 މެމްބަރުންގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް އާއި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވަ އެވެ.

އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކިނބިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސައިން އަރީފުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވެސް ހިމެނިވަޑައިގަންވަ އެވެ.

އަދި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވެސް ހިމެނިވަޑައިގަންވަ އެވެ.