ވިނުވީއެއް ނޭނގި ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލަ ސިއްރުކޮށްގެން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމީޓީން ބަލަމުންދަނީ، ނޫސްވެރިޔާ ރިލްވާން ގެއްލުވުމާލުގައި ފުލުހުންގެ އިހުމާލެއް އޮތޯއެވެ. ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު 24 ވަނަ ދުވަހު އެ މައްސަލަ ބެލުމަށް އެދި ގައުމީ ސަލާމާތީ ކޮމިޓީއަށް ފޮނުވިއެވެ. އެ ކޮމިޓިން ވަނީ އެ މައްސަލަ އަންނަ މަހު 20 ގެ ކުރިން ބެލުމަށް މީގެ ކުރިން ފާސްކޮށްފައެވެ.

މިއަދު އެ ކޮމިޓީގެ ބައްދަލުވުމުގައި ރިލްވާންގެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ފޮނުވާފައިވާ ސިއްރު ސިޓީއަކާ ގުޅިގެން ކޮމިޓީ ސިއްރު ކުރިއެވެ. އެގޮތުން މިއަދު ކޮމިޓީ ކުރިއަށްދިޔައީ ނޫސްވެރިން ނުވައްދައެވެ.

ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަމް "ސަން" އަށް ވިދާޅުވީ، އެ އެ މައްސަލަ ކޮމިޓީން ބެލުމުގައި ސިއްރުކޮށްގެން ގެންދިޔުމަށް މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

"ކޮމިޓީގެ މެމްބަރުން އެހެން ގޮތައްކަށް ކަނޑަނާޅާހާ ހިނދަކު ރިލްވާންގެ މައްސަލައާ ގުޅިގެން ކޮމިޓީ ދެން ކުރިއަށް ދާނީ ސިއްރުކޮށްގެން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އެ މައްސަލަ ސިއްރުކޮށްގެން ބެލުމަށް ނިންމީ، މިހާރު ވެސް ރިލްވާންގެ މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުންވެސް ތަހުގީގުތަކެއް ކުރަމުންދާތީ ކަމަށެވެ.

"އަޅުގަނޑުމެން ކޮމިޓީން ބަލާ މައްސަލައިގެ މުޅި ތަހުގީގާ ގުޅޭ މައްސަލަތައްވެސް ދާނެ. އެހެންކަމުން ތަހުގީގަށް އަސަރުކޮށްފާނެތީ ކޮމިޓީގެ މެމްބަރުން ނިންމެވީ މައްސަލަ ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށް،" އަސްލަމް ވިދާޅުވިއެވެ.

މާދަމާ ފުލުހުން ކޮމިޓީއަށް ހާޒިރު ކުރަނީ!

ކޮމިޓީގެ މުގައްރިރު އަސްމަލަމް: މާދަމާ ފުލުހުން ހާޒިރުކުރުމަށް ހަމަޖެހިފައިވާ ކަަމަށް ވިދާޅުވި - ފޮޓޯ/ މަޖިލިސް

ކޮމިޓީގެ މަސައްކަތްތައް މިހާރު ގޮސްފައި ހުރި ހިސާބަށް އަލިއަޅުވާލަމުން އަސްލަމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން މާދަމާ ފުލުހުން ހާޒިރުކުރުމަށް މިއަދު ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

"އެކި މުއައަސަސާތަކާއި އައިލާގެ ފަރާތުން މިހާރު އަޅުގަނޑުމެންނަށް ލިބިފައި ހުރި ލިޔުންތަކުގެ އަލީގައި މާދަމާ ފުލުހުންނާ ސުވާލު ކުރާނެ،" އަސްލަމް ވިދާޅުވިއެވެ.

ރިލްވާންގެ ތަހުގީގާ ގުޅޭގޮތުން ހިއުމަންރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕޮރޮސިކުޓާ ޖެނެރަލްގެ އޮފީސް އަދި އާއިލާގެ ފަރާތުން ކަންތައްތަކެއް ސާފު ކުރުުމަށް މިދިޔަ ހަފްތާގެ ކޮމިޓީ ބައްދަލުވުމުގައި ނިންމިއެވެ.

ރިލްވާންގެ މައްސަލަ ބެލުން ކޮމިޓީން ސިއްރުކޮށްފައިވާއިރު، ރިލްވާންގެ މައްސަލައާ ގުޅިގެން ކޯޓުގައި ހިނގި ޝަރީއަތްތައްވެސް ކުރިއަށް ދިޔައީ ސިއްރުކޮށްގެންނެވެ. އެކަމާ ގުޅިގެން އައިލާގެ ފަރާތުން އޭރު ކަންބޮޑުވުންވެސް ފާޅު ކުރިއެވެ.

ފުލުހުން ހާޒިރު ކުރާ ކޮމިޓީގެ ބައްދަލުވުން އޮންނާނީ މާދަމާ 12:00 ގައެވެ.

ރިލްވާން ގެއްލިގެން ހޯދަން ފެށީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުއެވެ. އޭގެ ފަހުން ފަސް އަހަރެއްހާ ދުވަސް ވެފައިވާއިރު، އަދިވެސް ފުލުހުންނަށް ރިލްވާންއަށް ވީ ގޮތެއް ބުނެނުދެވެއެވެ.