08 Jul 2019, 17:45
ނިމިދިޔަ ސަރުކާރުގައި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެލިފުންޏެއް ހުސް ކުރުމަށް 17 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް އެ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ބުނެފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް ބެލުމަށް އެކުލަވާލާފައިވާ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި، މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކްގައި ހުރި ވެލިފުންޏެއް ނެގުމަށް ވެމްކޯއިން ކުޑަ އަގެއް ހުށަހަޅާފައި ވަނިކޮށް އެއަށް ވުރުން ބޮޑުތަނުން އަގުބޮޑިކޮށް އެހެން ބަޔަކާ ހަވާލުކޮށްގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"ސައިޓް ކްލިއަރިންގަ ވޯޓާ ތީމް ޕާކްގެ ސައިޓް ހަވާލުކުރެވުނު އިރުގައި އެތަނުގައި ހުރި ވެލިފުންޏެއް. އެ ވެލިފުނި ކްލިއާ ކުރަން އޯލްމޯސްޓް 17 މިލިއަން ރުފިޔާ އެބައޮތް ހަރަދު ކުރެވިފައި،" އާތިފް ވިދާޅުވި އެވެ.
އެގޮތުން އެޗްޑީސީގެ ވެހިކަލް ބޭނުންކޮށްފައި ވަކިން ބިލް ކުރުން ފަދަ އަތައް ތުހުމަތުތަކެއް ވެސް ހުރި ކަން އާތިފް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އިންޓާނަލް އޮޑިޓެއް ކުރަމުންދާއިރު އިތުރު ކަންތައްތައް ވެސް ފާހަގަވަމުން އަންނަ ކަމަށެވެ.