ނިމިގެން ދިޔަ ސަރުކާރުގައި އދ. ފުށިއްގާ-ރަތްދިއްގާގައި ރިސޯޓް ހަދަން ތިން ކުންފުންޏަކަށް ކުއްޔަށް ދިން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ބައެއް ކަންކަން ލަސްވާކަމަށް އަބަދުވެސް ޝަކުވާ ލިބޭ ކަމަށެވެ. އަދި ފުށިއްގާ-ރަތްދިއްގާގެ މައްސަލައަށް އަލި އަޅުވާލައްވައި އަލީ ވަހީދު ވަނީ ބައެއް ކަންތައްތައް އަވަސްކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ.

" ތިން ފަރާތެއްގެ ވާހަަކަ އެއްމެ އެސެޓެއްގެ ވާހަކަ. އެއްމެ އެސެޓެއްގެ ވާހަކަ މިކިޔަނީ. އަދި ލާރިވެސް ނަގާފަ އޮތީ. އެއް ބައެެެއްގެ އަތުން ހަ ލައްކަ ޑޮލަރު، އަނެކަކުގެ އެއް މިލިއަން ތިން ސަތޭކަ ފަންސާސް ހާސް ޑޮލަރު." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެ މައްސަލައިގައި ގާނޫނީ ލަފާ ހޯދާނެ ކަމަށާއި އަދި އެކަމުގައި އެއްވެސް ފަރާތަކަށް ގެއްލުންވާނެފަދަ ގޮތަކަށް ކަންތައްތައް ނުކުރާނެ ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރާނީ ގާނޫނާ ގަވައިދުގެ ތެރެއިން ބަޖެޓުގަިއ ބުނާ ފަދައިން މާލިއްޔަތު ގާނޫނުގަިއ ބުނާފަދައިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގައި ކަންތައްތައް ހުރީ އެފުށް މިފުށަށް ޖަހާފައި ކަމަށާއި އަދި އެ މައްސަލައިގައި ހުރިހާ މައުލޫމާތު މިނިސްޓްރީން ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އެ މައުލޫމާތުތައް ކޯޓުތަކުން ހޯދައި އަދި އެހެން މިނިސްޓްރީތަކުން ހޯދައި އިދާރީ ތަހުގީގުތައް ހިންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.