08 Jul 2019, 13:41
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
މިއަދު އެ ބިލް މަޖިލީހަށް ބަލައިގަތީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ ތެރެއިން 76 މެމްބަރުންގެ ތާއީދާ އެކުއެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވައިފައި ނުވާއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރު އިންނެވި އެވެ.
އެހެންކަމުން އެ ބިލު ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އެ ބިލު ހުށަހަޅައިފައިވަނީ ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް، ތަރިކަ ކަމަށް ބެލެވޭ ތަކެއްޗާއި، ތަންތަނާއި، ސަރަހައްދުތައް ކަނޑައަޅައި، އެފަދަ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ކަމާ ގުޅޭގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުމާއި، ތަރިކައަށް ގެއްލުންވާ ގޮތަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ގާއިމުކޮށް ހިންގުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުގައެވެ.
މަޖިލީހުގައި ކުރިއަށް ދިޔަ އިބްތިދާއީ ބަހުސް މަރުހަލާގައި ގިނަ މެމްބަރުން ވަނީ ރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށް، އަދި ރާއްޖޭގެ އަތޮޅުތަކުގައި ހުރި ތަރިކަ އާއި އާސާރުތައް ހިމާޔަތް ކުރުމަށް ގޮވާލައިފައެވެ.