08 Jul 2019, 13:37
ޖިނާއީ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް އިންޑިއާޔާ އެކު ރާއްޖެއިން ހަދާ މުއާހަދާގައި ސޮއިކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
"މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް ޓްރީޓީ"ގައި ބައިވެރިވުމަށް ހަދާ މުއާހަދާއަށް ރުހުން ދޭން ފާސްކުރީ، 65 މެންބަރުންގެ ވޯޓުން އެވެ. އެ މުއާހަދާއާ ދެކޮޅަށް 11 މެންބަރަކު ވޯޓްދެއްވި އެވެ. އެ މުއާހަދާއަށް ރުހުން ދިނީ އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ފޮނުވި ގޮތަށެވެ.
އެ މުއާހަދާގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ފެބުރުއަރީ މަސްތެރޭގަ އެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަންވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާގޮތެއްގެ މަތިންނެވެ.
މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީން މުއާހަދާ ދިރާސާކުރުމަށް ފަހު، މުއާހަދާއަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގެ ތަޅުމަށް ކޮމިޓީގެ ރިޕޯޓު ހުށަހެޅިއެވެ.
ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމްއާއި އިދިކޮޅު މެމްބަރުން އެ މުއާހަދާ އަށް ރުހުން ދިނުމާ ދެކޮޅު ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މުއާހަދާ ފާސްކުރުމަށް "ހެޔޮ ނުވާނެ" ކަމަށެވެ. އެގޮތުން އިންޑީއާއިން އެއްބަސްވުމުގެ ނާޖާއިޒް ފާއިދާ ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަހުސް މަރުހަލާގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، މުއާހަދާގެ ސަބަބުން ފޮރިން އިންވެސްޓަރުންގެ ވިޔަފާރިތަކުގެ ސިއްރު މައުލޫމަތު ހާމަ ކުރެވޭ ކަމަށެވެ. އެގޮތައް ސިއްރު މައުލޫމަތު ހާމަ ކުރުމަކީ އިގްތިސޯދަށް އަސަރުކޮށް، ފޮރިން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.
އެވާހަކަތަކައް ރައްދު ދެއްވައި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާ މެމްބަރު، އިވާ އަބްދުﷲ މުއާހަދާގެ ސަބަބުން ގައުމުގެ އިސްތިގުލާލައި އިގްތިސޯދަށް އަސަރު ނުކުރާނެ ކަމަށެވެ. މުއަހާދާއާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަނީ، މުއާހަދާގެ ސަބަބުން ވައްކަމާއި ބޯޑެތި ކުށްތަކުގެ މަސައްލަތައް ބެލޭތީ ކަމަށް އީވާ ވިދާޅުވިއެވެ.
އިންޑިއާއާ އެކު ރާއްޖެއިން ސޮއި ކުރާ މުއާހަދާގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތަކަށް ގާނޫނު އަސާސީއާއި ގާނޫނީ ނިޒާމުގެ ތެރެއިން ލިބިދީފައިވާ ހައްގެއް ނުގެއްލޭނެ ކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ދީފައެވެ.
އިންޑިއާ ރާއްޖެ މުއާހަދާ ކުރުކޮށް
ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.
ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައި އެހެނިހެން ޝަރުއީ ކަންކަމުގައި ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.- ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުން.
- ޓެރަރިޒަމާއި ޓެރަރިޒަމް ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތަށް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވުން.
- ތަހުގީގު ކުރުމާއި ޝަރީއަތްކުރަން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިވެދިނުން.
- އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި އަދި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އެތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މަސައްކަތްތަކުގައި އެހީތެރިވުން.
- މައްސަލަ ތަހުގީގުކުރުމުގައާއި ޝަރީއަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން.
- މައްސަލަތަކުގައި ހިނގާ ހަރަދުތައް ކުރަން ޖެހޭނީ، އެ ހުށަހެޅުމެއް ހުށަހަޅާ ގައުމަކުން.
- މައްސަލައާ ގުޅޭގޮތުން ހޯދަން ޖެހޭ ހެކި ހޯދުމުގައާއި ތަހުގީގު ކުރުމަށް ބޭނުންވާ މީޙުންނާ ސުވާލުކުރުމުގެ ފުރުސަތު ފުޅާވުން.
މުއާހަދާގައިވާ ވާގޮތުން އޭގައި ކަަންތައްތަކަށް އަމަލުކުރަން ޖެހެނީ ދެ ގައުމުގެވެސް ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މިއީ ރާއްޖޭގެ ފަރާތުން އެހެން ގައުމަކާއެކު މިފަދަ މުއާހަދާއެއްގައި ސޮއި ކުރާ ފުރަތަމަ ފަހަރެވެ.