29 Oct 2011, 13:13
ހއ. ބާރަށަށް ކޭބަލް ޓީވީގެ ހިދުމަތްދޭ "މެގަޓީވީ"ގެ އޮފީހުގައި ރޭ ދަންވަރު އަލިފާން ރޯވެ، ހިދުމަތްދޭން ބޭނުން ކުރާ ހުރިހާ ތަކެއްޗެއް އަނދައި ހުލިވެއްޖެ އެވެ. އަލިފާނުގެ މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.
މެގަޓީވީ ހިންގާ ބާރަށު ޒުވާނުންގެ ދިރުމުގެ ނާއިބު ރައީސް އަހުމަދު އިގުބާލު މިއަދު ވިދާޅުވީ އެ ރަށަށް ކޭބަލްޓީވީގެ ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ "މެގަ ޓީވީ" ގެ އޮފީހުގައި އަލިފާން ރޯވީ ރޭ ދަންވަރު 2:00 ޖަހާ އެހާކަންހާއިރު ކަމަށެވެ.
އިގުބާލު ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން މެގަޓީވީން ރަށުގައި ކޭބަލް ޓީވީގެ ހިދުމަތްދޭން ބޭނުން ކުރާ ހުރިހާ އާލާތެއް އަނދައި ހުލިވެ އިމާރާތް ވެސް ބޭނުންނުކުރެވޭވަރަށް ހަލާލުވެފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މެގަޓީވީ އޮފީހުގައި ގަސްދުގައި ބަޔަކު ރޯކޮށްލީ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އަލިފާނުގައި އަނދައިގެން ދިޔަ ތަކެއްޗާއެކު ގާތްގަނޑަކަށް ހަ ލައްކައަށް ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އާބާދީގައި 1700 އަށް ވުރެ ގިނަ މީހުން އުޅޭ ރަށުގެ 170 އަށް ވުރެ ގިނަ ގެއަށް ކޭބަލް ޓީވީގެ ހިދުމަތްދެމުން އައި މެގަޓީވީގެ އިމާރާތް، ތަކެއްޗާއެކު އަނދައިގެން ދިއުމުން ބާރަށުން ވަނީ ކޭބަލްޓީވީގެ ހިދުމަތް ކެނޑިފައެވެ.
"އަލިފާން ރޯވިކަން އެނގުނީ އާންމު ބައެއްގެ ފަރާތުން މައުލޫމާތު ލިބުމުން. އެ މައުލޫމާތު ލިބުމާއެކު ލަސްނުވެ ރަށުގެ އެންމެން އެކުވެގެން މަސައްކަތްކޮށް އަލިފާން ވަނީ ނިއްވާލާފައި،" އިގުބާލު ވިދާޅުވިއެވެ.
އަލިފާނުގެ މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އިގުބާލު ވިދާޅުވި އެވެ. ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: