ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ވަކި ޕަސެންޓޭޖެއް އަންހެން ފަނޑިޔާރުންނަށް ހަމަޖައްސައި އަންހެން ފަނޑިޔާރުންނަށް ސްލޮޓް ދޭން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އެ ބިލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ. ޖާބިރު ވަނީ އެ ބިލަށް ތާއީދު ކުރައްވައިފަ އެވެ.

ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ފަނޑިޔާރުގޭގައި މުޅިން ފިރިހެން ބޭފުޅުން ތިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، އެ ބިލަށް އޭނާ އިސްލާހެއް ހުށަހަޅުއްވަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން ބިލު ފާސްވެގެން އަންނަ އިރު، ސުޕްރީމު ކޯޓުގެ ބެންޗުގެ 30 ނުވަތަ 40 ޕަސެންޓު އަންހެން ބޭފުޅުންނަށް ހަމަޖައްސަން ހުށަހަޅުއްވާ ކަމަށެވެ.

"ފަނޑިޔާރު ގޭގައި މުޅިން ފިރިހެން ބޭފުޅުން ތިބީމަ ވެސް ރަނގަޅެއް ނޫން. ކޮންމެސް ވަރަކަށް އަންހެން މެމްބަރުން ވެސް ތިބެން ވާނެ ކަމަށް އަޅުގަނޑަށް ފެނޭ. އެހެންވީމާ ޕަސެންޓޭޖަ ކޮށް، 30 ޕަސެންޓު ނުވަތަ 40 ޕަސެންޓު އަންހެން ބޭފުޅުން ތިބުން ރަނގަޅު،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ސީދާ އަންހެން ބޭފުޅުންނާ ގުޅުންހުރި ގިނަ ކަންތައްތަކެއް ސުޕްރީމް ކޯޓުން ނިންމާ އިރު، ބެންޗުގައި އަންހެން ފަނޑިޔާރަކު ނެތުމުން އަންހެނުންނަށް ނިކަމެތިކަން އިހްސާސް ވާނެ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މި ބިލު ކޮމެޓީއަކަށް ގޮސްގެން ކޮމެޓީ މަރުހަލާގައި ވާހަކަ ދެކެވޭ އިރުގައި އަންހެން ބޭފުޅުންނަށް ސްލޮޓް ތަކެއް ގާއިމުވެގެން ދިއުން،" ޖާބިރު ވިދާޅުވި އެވެ.

ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ރާއްޖޭގައި އަންހެނުންނަށް ވަޒީފާ ލިބުމުގައި ގިނަ ދަތިތަކެއް ހުރިކަމަށާއި، ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ރަނގަޅަށް ސާފުވާ ކަމަށެވެ.

"މި އިއްޒަތްތެރި މަޖިލީހުގައި ވެސް އެހާ މަދު އަންހެން ބޭފުޅުން. މީ ކިހާބޮޑު އަޖައިބެއްތޯ. މިހާ ގިނަ ފިރިހެން ބޭފުޅުން ކޮންމެ މަޖިލީހެއްގައި ތިބޭކަށް ނުޖެހޭނެ،" ޖާބިރު ވިދާޅުވިއެވެ.

އެންމެ ކޮރަޕްޝަންގެ އަމަލުތަކާ ވެސް އެންމެ ދުރު ބަޔަކީ އަންހެނުންކަން އެކި ދިރާސާތަކުން ސާބިތުވެފައިވާ ކަމަށާއި، ރާއްޖޭގައި އަންހެނުންނަކީ އެއްވެސް ތަނެއްގައި ލައްވާ ނުލާ ބަޔަކަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.