ނުކުޅެދުންތެރިކަން ހުންނަަ ކޮންމެ މީހަކީ ނާގާބިލް މީހެއް ނޫން ކަމަށާއި އެމީހުންގެ ކިބައިގައިވެސް ގާބިލް ހުނަރުތަކާ ފަންނުވެރިކަން އެބަހުރިކަމަށް ވިދާޅުވެ އެފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގައި ފަސް ނުޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަމީހުންގެ އަގުވަޒަންކޮށް ދޭ ރިވެލި އެވޯޑް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިތްވަރާއެކު ކަންކަމާ ކުރިމަތިލައި ރާއްޖެއަށް ރީތިނަން ހޯދައިދެމުންދާ ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކޮންމެމީހަކީ ނާގާބިލް ނުވަތަ ނުކުޅެދޭ މީހެއް ނޫން. އެމީހުންގެ ކިބާގައިވެސް ގާބިލް އެތައް ހުނަރަކާއި ފަންނުވެރިކަން އެބަހުރިކަމަށް ސާބިތުވޭ. އޭގެ ތެރެއިން އަޅުގަނޑުމެންނަށް ފެނުނު ބައެއް ބޭފުޅުންނަކީ އެބޭފުޅުންގެ އެ ހާލަތުގައިވެސް ރާއްޖެއަށް ރީތިނަންތައް ހޯއްދަވައިދެމުން ގެންދަވާ ބޭފުޅުން. އެބޭފުޅުންނަކީ ހިތްވަރާއެކު ގޮންޖެހުންތަކާ ކުރިމަތިލައްވާ އަބުރުވެރިކަމާއެކު މުޅި މުޖުތަމައަށް ނަމޫދާ ދައްކަވަމުން ގެންދަވާ ބޭފުޅުން،" ރައީސް ވިދާޅުވިއެވެ.

ނުމިއަދުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މީހެއްގެ ކިބާގައި ނުކުޅެދުންތެރިކަމެއް ހުއްޓަސް އޭނާގެ ކިބާގައި ގާބިލް އެތައް ހުނަރެއް ހުރެދާނެ. އެ ހުނަރުވެރިކަމާ އެމީހުންގެ ގާބިލްކަން ދެނެ ނުގަނެވޭނަމަ، އެއީ ސަލާމަތުން ތިބި މީހުންގެ އުނިކަމެއް،" އެފަދަ މީހުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށް ފުރުސަތުތައް ހޯދައިދިނުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީހެއްގެ ކިބާގައި ހުންނަ ނުކުޅެދުންތެރިކަމަށް ބަލާ އެމީހަކު ހަވާސާކޮށްލުމަކީ މުޖުތަމައު ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ރައްކާތެރިކަމާއި އަޅާލުން ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 15،360 މީހުންނާއި ކުދިން އެބަތިބި ކަމަށާއި އޭގެ ތެރެއިން އެންސްޕާ އިން ދޭ އެލަވެންސަށް ރެޖިސްޓްރީކޮށްފައިވަނީ 7771 މީހެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެންސްޕާގެ ދަފްތަރުގައި ރެޖިސްޓްރީނުވެ ތިބި މީހުން ދެނެގަނެ އެމީހުންނަށް ދެވޭނެ އިނާޔަތްތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކަކީ އެމީހުންގެ ދިރިއުޅުމުގެ ކަންތައް ހަމަޖެއްސުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިތިބި ބަޔެއް ކަމަށެވެ.

"އޭގެ ތެރޭގައި ދިރިއުޅުމުގެ ހަރަދުތައް ފުއްދުމާއި ބޯހިޔާވަހިކަން ލިބުމުގައިވެސް ވަރަށް ގިނަ ހުރަސްތައް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ރައީސް ވިދާޅުވި އެވެ.

އެ ހުރަސްތައް ނައްތާލުމަށް މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެ ދަތިތައް ނައްތާލުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެހެންކަމުން އެފަދަ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަން ސަރުކާރުން ވަނީ ނިންމާފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އަމިއްލަ އަށް އާމްދަނީ ހޯދައިގެން ދިރިއުޅުމެއް ބިނާކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމެއް ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަށް ބައެއް ފަރާތްތަކުން ފަސްޖެހުނު ނަމަވެސް އެފަދަ މީހުންގެ ފަރާތުން މުޖުތަމައަށް ބޮޑެތި ފައިދާތައް ކުރާކަން ރައީސް ފާހަގަ ކުރެއްވި އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ އާމްދަނީ އެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުންނާއި ކުންފުނިތަކުން އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން އާމްދަނީ ހޯދުމަށް ވިޔަފާރި ފެށުމަށް އިންޓްރެސްޓު ކުޑަ ލޯނު ދޫކުރަމުންދާ ކަމަށާއި ނުކުޅެދުންތެރިކަމެއް ހުރުމަކީ މީހެއްގެ ބަދުނަސީބުކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިވެލި އެވޯޑް ލިބުނު ފަރާތަކަށް އެވޯޑް ހަވާލުކުރުން -- ސަން ފޮޓޯ: ފަޔާޒް މޫސާ

"އޭގެ ބަދަލުގައި މުޅި މުޖުތަމައު އަތުގުޅާލައިގެން މަސައްކަތް ކުރަންވީ އެފަދަ މީހުންގެ ކިބާގައި ހުރި ހުނަރާއި ގާބިލްކަމުގެ ބޭނުންހިފޭނެ މަގުފަހިކޮށްދީ، އެމީހުންނަކީ ނަސީބުވެރިންކަމުގައި ހަދައިދޭން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ދާއިރާ އިން ހާއްސަ ކޯޓާއެއް ހަމަޖައްސާ، ފަސޭހައިން ވަޒީފާ ލިބެނެ އުސޫލެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"ގޮންޖެހުމަކަށް ވަނީ އެފަދަ މީހުން މުޖުތަމައުގައި ތިބުމެއް ނޫން. ހަގީގީ ގޮންޖެހުމަކީ މުޖުތަމައުގައި ތިބި އެފަދަމީހުންނާ އެކަށީގެންވާ ގޮތަށް މުޖުތަމައުގެ ކަންކަން ފަހިވެފައި ނެތުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހަކު މާލޭގެ މަގު ހުރަސްކުރުމަކިވެސް ފަސޭހަކަމެއް ނޫން ކަމަށެވެ.

"އެންމެ ކުޑަމިނުން ދުވާރުތައް ހުރީވެސް އެފަދަ މީހުންނަށް އެންމެ ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަކަށް ނޫން. އިމާރާތްތަކަށް ވަދެ ނިކުތުމާއި އަރާ ފޭބުމަކީވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގާނޫނެއް އެކުލަވާލާ އަމަލުކުރަމުންދިޔަ ނަމަވެސް އެމީހުންގެ ހައްގުތައް ލިބިދިނުމުގައި މައްސަލަތައް އެބަހުރި ކަމަށެވެ.

އެފަދަ މީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ހޯދުމުގައި ދަތިތައް އެބަހުރި ކަމަށާއި އެކަމަށްވެސް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން މިހާރު ނިންމާފައިވަނީ ކޮމިޔުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ނިޒާމެއް ގާއިމް ކުރުމަށް. އޭގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ރަށުގައި ތިބެގެން ތަފާތު ތެރަޕީތަކާއި ތައުލީމާއި ތަމްރީނުތައް ފަސޭހައިން ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުން،" ރައީސް ވިދާޅުވި އެވެ.

ގޮންޖެހުންތަކާ ކުރިމަތިލައިގެންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަންދޭ ފަރާތްތައް އެބަތިބިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ހިދުމަތަށް ބޭނުންޖެހިފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު ދާއިރާގެ ފަންނީ މީހުން މަދު ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނުދޭ ފަރާތްތައް ބިނާ ކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.