މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ދިވެހި ފިލްމު "ލީނާ" ބޮއިކޮޓް ކުރަން ގޮވާލަން ފަށައިފި އެވެ.

އަޒްލީނާގެ މަރާ ގުޅޭގޮތުން ފިލްމެއް އުފައްދަން ނިންމުމުން، ގިނަ ބައެއްގެ ފާޑުކިޔުން މީގެ ކުރިންވެސް މުއާއަށް ވަނީ އަމާޒުވެފަ އެވެ. އެކަމާ ގުޅިގެން މުއާ ބުނެފައި ވަނީ އޭނާ އެ ފިލްމު އުފައްދަނީ އަޒްލީނާގެ މަރުން "އިންސްޕަޔާ" ވެގެން ކަމަށެވެ.

ލީނާގެ ޓިކެޓު ވިއްކަން މިއަދު ފަށާނެކަން އިއްޔެ އިއުލާނު ކުރުމާ އެކު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ލީނާ ބޯއިކޮޓް ކުރަން ގޮވާލަމުންނެވެ. އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ "ބޮއިކޮޓްލީނާގެ" ނަމުގައި ފަށާފައިވާ ހޭޝްޓެގެއް ބޭނުންކޮށްގެނެވެ.

ލީނާ ބޮއިކޮޓް ކުރަން ގޮވާލާ ފަރާތްތަކުން ބުނަމުން ދަނީ އެ ފިލްމުން ލިބޭ އާމްދަނީ އާއި ފައިދާ އަކީ އާއިލާއެއްގެ ހިތާމަ ވިއްކައިގެން ހޯދާ ފައިދާ ކަމަށެވެ.

އޭގެ އިތުރުން، އާއިލާއިން އެ ފިލްމު ނަހަދަން އެދިފައި ވަނިކޮށް ފިލްމު ހެދުމަކީ އެތިކްސްއާ ހިލާފު ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރެ އެވެ.

ލީނާ ބޮއިކޮޓް ކުރަން ގޮވާލުމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން މުއާ ބުނީ، ލީނާ ބޮއިކޮޓް ކުރަން ގޮވާލަނީ އަޒްލީނާގެ އާއިލާއިން ނޫން ކަމަށެވެ. ފިލްމު ބޮއިކޮޓް ކުރަން ގޮވާލާ ނަމަ ގޮވާލަން ޖެހޭނީ އާއިލާއިން ކަމަށް އޭނާ ބުންޏެވެ.

"ފެމިލީ މީހަކު ދޯ އެ ވާހަކަ ދައްކަން ޖެހޭނީ. ފެމިލީގެ އެއްވެސް މީހަކު އެކަމާ ގުޅިގެން ނުދައްކާނެ ވާހަކައެއް. ފުރަތަމަ ފިލްމު ހަދަން އުޅުނު އިރު ފެމެލީއާ އަހަރެންނާ އުޅުނު މައްސަލަ. އެމީހުން ހީކުރީ އަޒްލީނާގެ ވާހަކައިން އޮތް ގޮތަށް ގެނެސްދެނީ ކަމަށް. އަހަރެން އަބަދުވެސް މި ބުނަނީ އެއީ އިންސްޕިރޭޝަން އެކޭ އިންސަޕަޔާ ވެގެންނޭ،" މުއާ ބުންޏެވެ.

މުއާ ބުނީ ފިލްމު ޝޫޓް ކުރަން ފެށީ އަޒްލީނާގެ އާއިލާއާ އެކު "އަންޑަސްޓޭންޑިން" އަކަށް އައުމަށް ފަހު ކަމަށެވެ. އަދި މިއަދުވެސް އަޒްލީނާގެ އާއިލާއާ އެކު އެ ގާތްކަން އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.

"ފެމިލީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން، އެ މީހުންގެ ހުރި ކޮންސާންސްތައް ކްލިއާކޮށްދީފަ ޝޫޓިން ފެށީ. މިދިޔަ އަހަރުގެ ޖެނުއަރި ހިސާބުގައި،" މުއާ ބުންޏެވެ.

މީގެ ކުރިން ސަން އާ ވާހަކަ ދައްކަމުން އަޒްލީނާގެ ބޭބެއަކު ބުނެފައި ވަނީ އަޒްލީނާގެ މަރަށް ފިލްމެއް ހަދައި އެކަމުން ފައިދާ ހޯދުމާ މެދު އޭނާގެ އާއިލާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

"މުޖްތަމައުގެ މައްސަލައަކަށް މެސެޖެއް ދިނުމަށް ޑޮކިއުމެންޓްރީ އެއް ހެދިދާނެ އެ ހާދިސާ އަސްލަކަށް ބަލައިގެން. އެކަމަކު ފިލްމެއް ހަދައި، އެ ވިޔަފާރިއަށް ބޭނުން ކުރަން އާއިލާގެ އެކަކުވެސް ގަބޫލެއް ނޫން،" އަޒްލީނާގެ ބޭބެ ކުރިން ބުނެފައިވެއެވެ.

"ލީނާ"ގެ ރޯލުން ފެނިގެންދާނީ މަރިޔަމް އައްޒައެވެ. އަދި ލީނާގެ ގާތިލް، ޒުހޫރުގެ ރޯލުން ފެންނާނީ މުއާ އެވެ. އޭގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް މި ފިލްމުން ފެންނާނެ އެވެ.

ލީނާގެ ޓިކެޓު ވިއްކުން ފަށާފައި ވަނީ މިއަދު ހެނދުނު އެވެ. މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އޮލިމްޕަހުގައި ޓިކެޓް ވިއްކާނެ އެވެ. އެ ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓް އުޅެނީ 200 ރުފިޔާއަށެވެ. އެހެން ރޭތަކުގެ ޝޯގެ ޓިކެޓް އުޅެނީ 100 ރުފިޔާއަށެވެ.