29 Oct 2011, 12:00
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ފާއިތުވި 11 އަހަރުގެ ތެރޭގައި ބޭނުން ކުރަމުން އައި ލޯގޯ އާއި ސްލޯގަން ބަދަލުކޮށް އަލަށް ތައާރަފް ކުރި ލޯގޯ އާ އެއްވަތަރުގެ ލޯގޯތަކެއް ހުރުމުން އެކަން ދިރާސާ ކުރަމުން އަންނަ ކަމަށް މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ބުނެފި އެވެ.
އާއްމުން ސާފުކުރުމަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކޮށްދިނުމަށް ކަމަށް ބުނެ އެ ކޯޕަރޭޝަނުން ބުރާސްފަތި ދުވަހުގެ ތާރީހުގައި ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޓޫރިޒަމްގެ އާ ލޯގޯ ފަރުމާކޮށްފައި ވަނީ "ރާއްޖޭގެ މަސްމަހާމެއްސާއި އަތޮޅުތަކުގެ ގުދުރަތީ ރީތިކަން އަސްލަކަށް ބަލައި އެ ހުރިހާ ތަކެއްޗެއް އެކުގައި ފިންގާ ޕްރިންޓެއްގެ ނިޝާން ސިފަވާ ގޮތަށް" ކަމަށެވެ.
އާ ލޯގޯ ފަރުމާ ކުރުމުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން އިންވެސްޓްމަންޓްތަކުގައި ރާއްޖެ ތަމްސީލު ކުރެވޭނެ ލޯގޯ އަކާއި ސްލޯގަންއެއް ފަރުމާ ކުރުމަށް ބަލާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން، އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އާ ލޯގޯ ފަރުމާ ކުރުމުގައި ގާނޫނީ ހަމަތަކަށް ވެސް ބަލާފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާނެ ލޯގޯއެއް ހޯދުމަށް މިދިޔަ އަހަރު މުބާރާތެއް ބާއްވާފައި ވިޔަސް އެ މުބާރާތުން އެކަށީގެންވާ ފަދަ ލޯގޯއެއް ލިބިފައި ނުވުމުން އާ ލޯގޯ ހެދުމަށް ހަވާލުކޮށްފައިވާ ފަރާތާ އެކަން ހަވާލުކޮށްފައި ވަނީ އޯޕަން ޓެންޑައެއްގެ ދަށުން ކަމަށާއި މިހާރު ބޭނުން ކުރާ ލޯގޯ ފަރުމާކޮށްފައި ވަނީ އިނގިރޭސިވިލާތު ޑިޒައިނަރެއް ކަމަށެވެ.
ފަންނުވެރިންގެ ހިޔާލުތައް ލޯގޯއާ ދެކޮޅަށް ހުއްޓަސް ކެބިނެޓުގެ ވެސް ނިންމުމަށް އެ ލޯގޯ ލޯންޗް ކުރާނީ ރައީސް މުހަންމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނެވި ހާއްސަ ހަފްލާއެއްގައި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި އަންނަ ޖެނުއަރީން ފެށިގެން އެ ލޯގޯ ބޭނުން ކުރުމަށް ވަނީ ނިންމާފަ އެވެ.
އިންޓަނޭޝަނަލް ޓޫރިޒަމް ކޮންސަލްޓެންސީ އެޖެންސީއެއް ކަމަށްވާ ކީލްޔޫއޯއާ ހަވާލުކޮށްގެން، ގާތްގަނޑަކަށް ދޮޅުމިލިއަނެއްހާ ރުފިޔާއަށް ހެދި ލޯގޯއާ ވައްތަރު ބައެއް ލޯގޯތައް ސޯޝަލް ނެޓްވޯކްތަކުގައި ވަނީ އާންމުވެ ފާޑުކިޔުން އިތުރުވެފަ އެވެ.