08 Jul 2019, 09:41
ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ލިބުނުހާ އަވަހަކަށް ރާއްޖެ ގެންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ލުތުފީ ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ސާފު ކުރުމަށް މިއަދު ރައްޔިތުން މަޖިލީހަށް ހާޒިރުކޮށް ވަނީ މިނިސްޓަރާ ސުވާލުކޮށްފަ އެވެ. މިދިޔަ މަހު 18 ވަނަ ދުވަހު އިމްރާން މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
މިއަދުގެ ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ، ލުތުފީ މިހާރު ރާއްޖެ ގެނައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ލަންކާ ސަރުކާރުން މިހާރު އަންގާފައިވާ ކަމަށެވެ. ނަމަވެސް ލުތުފީ ރާއްޖެ ނުގެނެސް ލަސްވަނީ، އެ ގައުމުގެ ޑިފެންސް މިނިސްޓަރީން ދޭން ޖެހޭ ލިޔުމެއް ނުލިބިގެން ކަމަށް އިމްރާން ވިދާޅުވި އެވެ.
"ޑިފެންސް މިނިސްޓްރީން ދޭން ޖެހޭ ލިޔުން ލިބުނުހާއަވަހަކަށް އެންމެ އަވަސް ފްލައިޓަކުން ލުތުފީ ރާއްޖެ ގެނެވޭނެ،" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ލުތުފީ ރާއްޖެ ގެނައުމަށްޓަކައި އޯވަސްޓޭއަށް ލަންކާގެ އިމިގްރޭޝަންއަށް ދައްކަން ޖެހޭ ފީގެ އަދަދަކީ، 2،852 ޑޮލަރު (44,063 ރުފިޔާ) ކަމަށެވެ.
އިމްރާން ވިދާޅުވީ، ދިވެހި ސަރުކާރުގެ ފަރާތުން ލުތުފީ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.
މިިދިޔަ މަހު ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ ލަންކާގެ އެޓާނީ ޖެނެރަލް އޮފީހުން ލިބެން ޖެހޭ ލިޔުމެއް ނުލިބިގެން ކަމަށެވެ.
އިމްރާން ވިދާޅުވީ، ދެ ސިޓީއެއް ލިބިން ޖެހޭ ކަމަށާއި އޭގެ ތެރެއިން އެޓާނީ ޖެނެރަލް އޮފީހުގެ ލިޔުން މިހާރު ލިބިފައިވާ ކަމަށެވެ.
އިމްރާން ވިދާޅުވީ، މީގެ ކުރިން ސަރުކާރުތަކުގައި އެކި ގޮތް ގޮތުން ލުތުފީ ގެނައުމުގެ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ލުތުފީ ނުގެނެވުނީ، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފަރާތުން ލިޔުމުން ހުއްދަ ނުލިބުމުން ކަމަށެވެ.
ލުތުފީ ނުގެނެސް ލަސްވަމުންދާތީ ސަރުކާރަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ލުތުފީ ރާއްޖެ ގެނައުން ލަސްވެގެން ދިޔައީ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު އޭނާ ގެންނަން ބޭނުންވާތީ ކަމަށާއި، ގަވާއިދާ ހިލާފަށް، ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ލުތުފީ ގެންނަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.
ވަކި ތާރީހެއް ވިދާޅުނުވި ނަމަވެސް ވަރަށް އަވަހަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ސްރީލަންކާ ހަނގުރާމަކުރި ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.