08 Jul 2019, 09:38
އާސަންދަ އާއި އައިޖީއެމްއެޗު އަދި ޓްރީޓޮޕް ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޓްރީޓޮޕް އަދި މެޑިކާގައި ކަކުލު ހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަންކޮށްފި އެވެ.
ޓްރީޓޮޕުން އިއްޔެ ކުރި އޮޕަރޭޝަނާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުން ބުނީ އިއްޔެގެ އޮޕަރޭޝަން، ކުރިއަށް ގެންދިޔައީ ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޑޭވިޑް މޮންޓިނެގްރޯ އަދި ޑރ. ހުސައިން ފައިސަލް އާއި ހޭނައްތާ ޑޮކްޓަރު، ޑރ. އަމްރު ސަފްވަތު ކަމަށެވެ.
އައިޖީއެމްއެޗުން ކުރާ ކަކުލުގެ އޮޕަރޭޝަންތަކުގެ ވެއިޓިން ލިސްޓު ދިގުވެ، ޓްރީޓޮޕާއި މެޑިކާ ހޮސްޕިޓަލާ އެކު އެއްބަސްވުމެއް އެކުލަވާލާފައިވާ އިރު، ޓްރީޓޮޕުން ވަނީ 65،000 ރުފިޔާގެ ޕެކޭޖެއް މި އޮޕަރޭޝަންތަކަށް ކަނޑައަޅައިފަ އެވެ. މި ޕެކޭޖަކީ އާސަންދައިން ކަވަރު ކުރާ ޕެކޭޖެކެވެ.
މެޑިކާ ހޮސްޕިޓަލުން ވެސް ވަނީ ކަކުލު ހުޅު އޮޕަރޭޝަންތަކަށް 65،000 ރުފިޔާގެ ޕެކޭޖެއް ކަނޑައަޅައިފަ އެވެ. އެ ޕެކޭޖަކީ ވެސް އާސަންދައިން ކަވަރުކުރާ ޕެކޭޖެކެވެ. މި އެއްބަސްވުމުގެ ދަށުން އިއްޔެ މެޑިކާގައި އޮޕަރޭޝަންކުރި ބަލި މީހާގެ އާއިލާ އާއި އައިޖީއެމްއެޗުގެ ސީއީއޯ އަދި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި މެޑިކާ ހޮސްޕިޓަލުގެ ޑިރެކްޓަރު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ޓްރީ ޓޮޕްގައި އޮޕަރޭޝަންކުރި ބަލިމީހާގެ އާއިލާ އާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް އިއްޔެ ބައްދަލު ކުރެއްވި އެވެ.