08 Jul 2019, 10:07
ތެހެރާން (ޖުލައި 8) : ނިއުކްލިޔާ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް އަމަލުކުރާ މިންވަރު ކުޑަކުރުމަށް އީރާނުން ނިންމި ނަމަވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު ސަލާމަތްކޮށް ދެވޭ ވަރުގެ ހަރުދަނާ ފިޔަވަޅުތަކެއް ޔޫރަޕްގެ ބޮޑެތި ބާރުތަކުން އަޅައިފިނަމަ އީރާނުގެ އެނިންމުން ބަދަލުކުރެވިދާނެ ކަމަށް އެގައުމުގެ ހާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެ އެވެ.
ނިއުކްލިޔާ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް އަމަލުކުރާ މިންވަރު ކުޑަކުރުމާބެހޭގޮތުން އިއްޔެ އީރާނުން ނިންމި ކްރިޓިކަލް ނިންމުންތަކާބެހޭގޮތުން ދެއްވި ބަޔާނެއްގައި ޒަރީފް ވިދާޅުވީ އެނިންމުންތައް ނިންމީ ނިއުކްލިޔާ އެއްބަސްވުން ރޫޅާލުމުގެ ބޭނުމުގައި ނޫންކަމުގައެވެ. އެކަމުގެ ބޭނުމަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު ސަލާމަތްކޮށްދީ ނިއިކްލިޔާ އެއްބަސްވުމުން އީރާނަށް ލިބެންޖެހޭ ހައްގުތައް ލިބިދީގެން މެނުވީ ނިއުކްލިޔާ އެއްބަސްވުން ސަލާމަތް ނުކުރެވޭނެކަމުގެ މެސެޖް ޔޫރަޕްގެ ބޮޑެތި ބާރުތަކަށް ދިނުން ކަމަށް ޒަރީފް ވިދާޅުވިއެވެ.
އީރާނަށް މިފިޔަވަޅުތައް އަޅަންޖެހުނީ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ އެކަހެރިގޮތެއްގައި ވަކިވެ އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައި ނިއުކްލިޔާ އެއްބަސްވުން އުވާލުމަށް އެމެރިކާ ކުރާ މަސައްކަތްތަކާ ކުރިމަތިލުމުގައި ޔޫރަޕްގެ ބާރުތައް ނާކަމިޔާބުވުމުން ކަމަށްވެސް ޒަރީފް ވިދާޅުވިއެވެ.
ނިއުކްލިޔާ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް އަމަލުކުރާ މިންވަރު ކުޑަކުރަން އީރާނުން ނިންމި ނިންމުމާބެހޭގޮތުން ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ އައްބާސް އިރާގްޖީ ވިދާޅުވީ ނިއުކްލިޔާ މައްސަލާގައި އީރާން ގެންގުޅެނީ ޑިޕްލޮމަސީއަށް ފުރްސަތު ދިނުމުގެ ސިޔާސަތެއްކަމުގައެވެ. އަދި އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ދުނިޔޭގެ އެހެން ބާރުތަކާއެކު ނިއުކްލިޔާ މައްސަލާގައި އީރާނާ ވާހަކަ ދެއްކުމުގެ ފުރްސަތު އެމެރިކާއަށްވެސް އޮންނާނެ ކަމަށް އިރަގްޖީ ވިދާޅުވިއެވެ.
ނިއުކްލިޔާ އެއްބަސްވުމުގެ މާއްދާތަކަށް އަމަލުކުރާ މިންވަރު ކުޑަކުރުމަށް އީރާނުން ނިންމި ނިންމުންތަކުގެ ތެރޭގައި ނިއުކްލިޔާ އެއްބަސްވުމުގައި ހުއްދަދޭ މިންވަރަށްވުރެ މައްޗަށް ޔޫރޭނިއަމް ފައްކާކުރަން ފެށުމާއި ފައްކާކޮށްފައިވާ ޔޫރޭނިއަމް ގެ ސްޓޮކް އިތުރުކުރުމާއި އީރާނުގެ އެންމެ ބޮޑު ނިއުކްލިޔާ ރިއެކްޓަރު ކަމަށްވާ "އަރަކް" ނިއުކްލިޔާ ރިއެކްޓަރުގެ މަސައްކަތް އަލުން ފެށުން ހިމެނެއެވެ.
"އަރަކް" ނިއުކްލިޔާ ރިއެކްޓަރަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ނުރައްކާތެރި މާއްދާއެއްކަމަށްވާ "ޕްލޮޓޯނިއަމް" އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ހައިޓެކް ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތައްހުރި ރިއެކްޓަރެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ މިފިޔަވަޅުތަކަށް ޔޫރަޕްގެ އިއްތިޙާދުންނާއި ފަރަންސޭސިވިލާތުންވަނީ ފާޑުކިޔާފައެވެ. ނަމަވެސް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އެގައުމުގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. (ނޫސްއެޖެންސީތައް)