08 Jul 2019, 09:08
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. ބީއެމްއެލް އިން ވަނި އަހަރީ އާންމު ޖަލްސާގެ ނޯޓިސް ފޮނުވައިފަ އެވެ.
ބީއެމްއެލްގެ އޭޖީއެމް އޮންނާނީ ޖުލައި 30 ވަނަ ދުވަހުގެރޭ ހޮޓެލް ޖެންގެ ބޯލްރޫމް ގައެވެ. މި ޖަލްސާގައި 2018 ވަނަ އަހަރުގެ މާލީ ބަޔާންތައް ފާސްކުރުމާއި ޑިރެކްޓަރުންނާއި އޮޑިޓަރުންގެ ރިިޕޯޓު ފާސްކުރުމާއި ހިއްސާ ދާރުންނަށް ބަހަން ކަނޑައަޅާފައިވާ ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން ބޯޑަށް ޑިރެކްޓަރުން އައްޔަނު ކުރުން އޮންނާނެ އެވެ.
ބީއެމްއެލްގައި ސީއީއޯއެއް މިވަގުތު ނެތެވެ. ބީއެމްއެލްގެ ސީއީއޯއަކަށް ހުންނެވި އެންޑްރޫ ހީލީ ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ. ބޭންކް މިހާރު ހިންގަނީ، ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެވެ.
އެނގިފައިވާ ގޮތުގައި އަލަށް ހަމަޖައްސާ ސީއީއޯގެ ނަން މި މަހު 30ގައި އޮންނަ ބޭންކްގެ އޭޖީއެމްއަށް ހުށަހަޅާނެ އެވެ. އަދި އެއީ ބިދޭސީ ބޭފުޅެއްކަން ވެސް ވަނީ އެނގިފަ އެވެ.
ބޭންކްގެ އޭޖީއެމްގައި ބައިވެރިވުމަށް އެދޭ ހިއްސާދާރުންނަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޖަލްސާގައި ބައިވެރިވެވޭނީ ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ހިއްސާދާރުންނަށެވެ.
ބޭންކް އޮފް މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން 129.16 މިލިއަން ރުފިޔާ ހިއްސާ ދާރުންނަށް ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ. އެއީ ހިއްސާ އަކަށް 24 ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.