ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލު ކުރުމަށާއި އެހެންވެސް ބައެއް އިސްލާހު ތަކާއެކު ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް 10 ދުވަސް ތެރޭ ދިރާސާކޮށް މަޖިލީހަށް ހުށަހެޅުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

މިރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ އެ އިސްލާހުތައް 10 ދުވަހުގެ ތެރޭގައި ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމެވެ.

އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" އެ ނަމުގައި މާއްދާއެއް އިތުރު ކުރަން ހުށަހަޅާފައިވެ އެވެ.

ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އެ އިސްލާހު ފާސްވާ ހިސާބުން "ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި އިދާރާއެއް އުފެދޭނެ އެވެ. އަދި އެ އިދާރާ އުފެދުމާއެކު މިހާރު ހިންގަމުން އަންނަ ޑީޖޭއޭ އުވި އެ އިދާރާގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތާއި މާލީ އަދި މަދަނީ ޒިންމާ ތަކާއި ހައްގުތައް އަލަށް އުފައްދާ އިދާރާގެ ދަށަށް ބަދަލުވާނެ އެވެ.

މިހާރު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުން އަންނަ ހުރިހާ މަސައްކަތެއްވެސް ހަމަ އެގޮތަށް ކުރަން ޖެހޭ ގޮތަށް ޖޭއެސްސީ ގާނޫނުގައި ލިޔެފައިވެ އެވެ. އެކަމަކު ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ ޖޭއެސްސީއިން އަންގާ ގޮތުގެ މަތިން ކަމަށް ބުނެފައިވެ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އިދާރީ އެންމެ އިސް ފަރާތަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް އިސްލާހުގައި ލިޔެފައިވެ އެވެ. އަދި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަނުކޮށް ވަކިކުރާނީ ޖޭއެސްސީން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޖޭއެސްސީގެ ގާނޫނަށް އަލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ގޮތްތަކެއް ވަނީ ބަޔާންކޮށްފައެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލާގައި އެ ކޮމިޝަނުން ނިންމާ ނިންމުމެއް އެއްވެސް ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ވެސް އެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެއެވެ.