އިންޑިޔާގެ މަސްލަހަތަށް ގެއްލުންވާ އެއްވެސް ކަމެއް ރާއްޖެ އިން ނުކުރާނެ ކަމަށާއި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އިންޑިޔާގެ ރަހުމަތްތެރިއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ "އައިބީއެން ލައިވް"ގައި ވަނީ"އިންޑިޔާގެ ރަހުމަތްތެރިއެއްގެ ގޮތުގައި ދިވެހި ރާއްޖެ އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން" ދެއްވާ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ރާއްޖޭގައި ޗައިނާގެ ނުފޫޒު ގަދަވަމުން އަންނަ އައުމާ މެދު އިންޑިޔާ އިން ކަންބޮޑުވާ ކަންބޮޑުވުމާ ބެހޭ ގޮތުން އިންޑިޔާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންކަމަށް އައިބީއެން ލައިވްގައިވެ އެވެ.

"ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އިންޑިޔާގެ ރަހުމަތްތެރިއެއްގެ ގޮތުގައިކަން އިންޑިޔާގެ ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑު ޔަގީންކަން ދެން، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިންޑިޔާ އަށް ވުރެ ރަނގަޅު ރަހުމަތްތެރިއަކު އަޅުގަނޑުމެންނަކަށް ނުހޯދޭނެ،" ރައީސް ނަޝީދު ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި އިންޑިޔާގެ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ރާއްޖެއަކުން ނުކުރާނެ އެވެ. އަދި ރާއްޖެއަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތެއްގައި ވެސް އިންޑިޔާ އިން ރާއްޖެ އަށް އެހީތެރިވެދީފައިވާ ކަމަށާއި މުސްތަގުބަލުގައި ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން އިންޑިޔާގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ސިފަކުރެ އެވެ.