ހުވަދު އަތޮޅުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ މައްސަލަ ފެންމަތިވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް އެއަތޮޅު ތިނަދުއަށް އެ ކުއްޖާ ގެންގޮސް ޑޮކްޓަރަށް ދައްކައި ޓެސްޓް ހަދާފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ހުކުރު ދުވަހުގެ ހަވީރު އެ ކުއްޖާ ތިނަދުއަށް ގެންދިޔައީ. ދެން ޑޮކްޓަރައް ދައްކައި ނިމިގެން އެރޭ ވަނީ އަނބުރާ ރަށަށް ގެނެސްފައި،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި އެ ކުއްޖާގެ ހަށިގަނޑުން ލޭގެ އަސަރު ފެނުމުން ފުރަތަމަ ހީކުރީ ތަނަކުން ވެއްޓި ލިބުނު ޒަޚަމެއްގެ ސަބަބުން ވީ ކަމެއް ކަމަށެވެ. ނަމަވެސް ފަހުން ބެލިބެލުމުން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން އެނގުނު ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެ ކުއްޖާ ވަނީ ކިޔައިދީފަ އޭނައަށް ޖިންސީ ގޯނާކުރީ ކާކުކަން،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ އާއިލާގެ މީހެއްގެ ބޭސްފަރުވާއަށް އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ އާއި އެކުއްޖާގެ މަންމަ މިހާރު އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި އަށް އަހަރުގެ ކުޑަ ކުއްޖަކަށް އޭނާގެ ތިމާގެ މީހަކު ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް މިދިޔަ ބުދަ ދުވަހު ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.