އަނިޔާކުރުމުގެ ސަގާފަތް ހުއްޓާލުމާ ގުޅޭގޮތުން ދެ ކޮމިޝަނަކާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް އިތުރުން އެ ކޮމިޓީއަށް ހާޒިރު ކުރަނީ، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އާންމު މީހަކަށް އަނިޔާ ކުރި މައްސަލައަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ހަވީރު ބައްދަލުވުމެއް ބޭއްވިއެވެ.

ފުލުހުން މާފަންނު ގެއެއްގައި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ މެމްބަރުނަނަށް ދެއްކުމަށްފަހު، އެކަމާ ގުޅޭގޮތުން އަމަލު ކުރައްވާނެ ގޮތެއް ކަނޑައެޅުމަށް ކޮމިޓީގެ މެމްބަރުން ދެ ހުށަހެޅުމެއް ހުށަހެޅިއެވެ. ނަމަވެސް ހުރިހާ މެމްބަރުންވެސް އެ ދެ ހުށަހެޅުމަށް އިއުތިރާޒް ނުކުރައްވާތީ ދެ ހުށަހެޅުންވެސް އެއް ހުށަހެޅުމެއްގެ ގޮތުގައި ކޮމިޓީގެ އިއްތިފާގުން ފާސް ކުރިއެވެ.

ފުރަތަމަ ހުށަހެޅުމެއްގެ ގޮތުގައި އައްޑޫ ސިޓީ މީދޫ ދާއިރާ މެމްބަރު، ރޮޒައިނާ އާދަމް ހުށަހެޅުއްވީ، ފުލުހުން އަނިޔާ ކުރި މައްސަލައާ ގުޅިގެން އެ މައްސަލައިގައި ފުލުހުންނާއި އެންއައިސީ އަދި އެޗްއާރުސީއެމް އިން ކުރާ ތަހުގީގު ގާތުން ބެލުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ނިންމެވީ، ކޮމިޓީގެ މެމްބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން 48 ގަޑި އިރު ތެރޭ އެންއައިސީ، އެޗްއާރުސީއެމް އަދި ފުލުހުންގެ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް އިން މިހާތަނަށް ފުލުހުން އަނިޔާ ކުރި މައްސަލައާ ގުޅިގެން ހޯދި ހޯދުންތަކާއި އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމަތު ހިއްސާ ކުރުމަށެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން:އެންއައިސީ، އެޗްއާރުސީއެމް އަދި ފުލުހުން ކޮމިޓީއަށް ހާޒިރު ކުރަން ނިންމި -- ފޮޓޯ/ މަޖިލިސް

ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ކުރީގެ ޑިފެންސް މިނިސްޓަރު، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވީ، އަނިޔާކުރުމެގެ ސަގާފަތް ނައްތާލުމަށް އެންއައިސީ، އެޗްއާރުސީއެމް އަދި ފުލުހުންގެ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް އިން ކުރަމުންދާ މަސައްކަތްތައް ބެލުމަަށް ކޮމިޓީއަށް ހާޒިރު ކުރަމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އެވެ.

ހުށަހެޅުވުން ހުށަހަޅަމުން ނާޒިމް ވިދާޅުވީ، ސަރުކާރު ވެރިކަމަށް ގެނައީ ފުލުހުން ކުރިން ކޮށްފައި ހުރި ލާއިންސާނީ ޢައިރު ގާނޫނީ ކަންތައްތައް ބަލަން ކަމަށާއި އެހެން ނަމަވެސް މިކަންތައް ރަނގަޅަށް ބެލިދާނެ ކަމަށް އަދިވެސް ގަބޫލު ނުކުރެއްވޭ ކަމަށެވެ. ނާޒިމް ވިދާޅުވީ، އެެރޭ އަނިޔާ ކުރި މަންޒަރު ވީޑިއޯ ކުރި ފަރާތްތަކަށް ބިރުދައްކައި ވީޑިއޯ ޑީލީޓް ކުރުމަށް އެންގުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"[އަނިޔާ ކުރަނީ] ފުލުހުންގެ މަސައްކަތުގައި އެމީހުންނަށް ތައުލީމް ދެވިފައިވާ ގޮތުން ކުރެވޭ ކަމެއްތޯ [އަނިޔާކުރުން]. އެމީހުންނަށް ތަމްރީން ދެވިފައި ވަނީ ކިހިނެތްތޯ ބަލަން ބޭނުން. އަދި ފުލުހުން މަސައްކަތް ކުރުމުގައި ހޭދަކުރާ ވަގުތު އިތުރުވާތީ، ސައިކޮލަޖިކަލީ ޕްރެޝަރަށް ދަނީތޯ،" ނާޒިމް ވިދާޅުވިއެވެ.

ގައުމީ ދިފާއީ ބާރުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ނާޒިމް ވިދާޅުވީ، ތަކުރާރުކޮށް އެއްބަޔަކު އޮޕަރޭޝަންތަކުގައި އުޅޭ ނަމަ ދިމާވާ މައްސަލަތައް ހުންނާނެ ކަމަށާއި ފުލުހުން އަނިޔާ ކުރާ ސަބަބު ދެނެގަން ޖެހޭ ކަމަށެވެ. އަދި އެއަށްފަހު ފުލުހުންނަށް އެހީތެރިކަން ދޭން ޖެހިއްޖެ ނަމަ ކަމާ ބެހޭ ފަރާތްތަކަށް ލާފާ ދިނުމަށް އެދޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަނިޔާކުރުމެގެ ސަގާފަތް ނައްތާލުމަށް އެންއައިސީ، އެޗްއާރުސީއެމް އަދި ފުލުހުންގެ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް އިން ކުރަމުންދާ މަސައްކަތްތައް ބެލުމަަށް ކޮމިޓީއަށް ހާޒިރިކުރުމަށް ނިންމި ނަމަވެސް އެ ފަރާތްތައް ގެންނަނީ ކޮން ދުވަހަކު ކަމެއް މިއަދު ކޮމިޓީގައި ކަނޑަނާޅައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ހުރިހާ މެމްބަރުންވެސް ވަނީ ހުކުރު ދުވަހުގެ ރޭ ފުލުހުން މީހަކަށް އަނިޔާ ކުރި މައްސަލަ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. އަނިޔާކުރުމުގެ ސަގާފަތް ނައްތާލަން ޖޭހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"މިއީ އިޝާރާތެއް، އަނިޔާކުުރުމުގެ ސަގާފަތް ނައްތާލަން އަވަސްވެގަންނަޖެހޭ"

ކޮމިޓީގެ މުގައްރިރު ޖީހާން: ވީޑިއޯ އަކީ އިޝާރާތެއް ކަމަށް ވިދާޅުވި -- ފޮޓޯ މަޖިލިސް އިދާރާ

ކޮމިޓީގެ މުގައްރިރު، ޖީހާން ވިދާޅުވީ، ގިނަ ފަހަރު އަނިޔާގެ އަމަލުތައް ހިންގަނީ ސިއްރިއްޔާތުގައި ކަމަށެވެ. އަނިޔާ ކުރުން އާންމު ކުރާތަން ފަޅާ އަރަނީ މަދު ފަހަރަކު ކަމަށް އޭނާ ވިދާޅުވިއެވެ.

"[އަނިޔާ ކުރާ] ސީދާ ވީޑިއޯ ފޫޓޭޖް ވަރަށް ނާދިރު ހާލަތެއްގައި ލިބިގެން ނުދާނެ. މި ހާދިސާ އަކީ އާދަޔާ ހިލާފް ކަމެއް. މިއީ އަޅުގަނޑު ދެކޭ ގޮތުގައި ސިގްނަލް އެއް. އަނިޔާ ކުރުމުގެ ސަގާފަތް ނައްތާލުމަށް މަޖިލީހުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އަވަސްވެގަންނަންވީ. މިއީ ކަން ކަން ބަދަލު ކުރުމަށް އެންމެ އަތުކުރި އޮޅާލައިގެން އެންމެން އެކުގައި ތިބި އިރެއްގައި، އެކަން ކުރެވެންވެސް އޮތް އިރެއްގައި މި ވީޑިއޯ މިގޮތަށް ފެންިގެން ދިޔުމަކީ ލައިޓް ކޮށް ނެގެވޭނެ ކަމެއް ނޫން. މިއީ އިޝާރާތެއް،" ޖީހާން ވިދާޅުވިއެވެ.

ޖިހާން ވިދާޅުވީ، އަނިޔާވެރިކަމުގެ ސަގަަފަތް ނައްތާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުުރުމަށް އަވަސްވެގަނަން ޖެހޭ ކަމަށެވެ.

ކުލަ ހެދުމުގައި ތިބި ހަތަރު ފުލުުހަކު އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން އެ މައްސަލައިގައި ހިމެނޭ ފުލުހުން ވަގުތުން ސަސްޕެންޑް ކޮށް އެ މައްސަލަ ފުލުހުންގެ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްއާއި އެންއަސީ އަދި އެޗްއާރުސީއެމް އިން ދަނީ ތަހުގީގު ކުރަމުންނެވެ.

އަނިޔާކޮށް މާރާމާރީ ހިންގުމަކީ ޖިނާއީ ބޮޑު ކުށަކަށްވާއިރު އެ އަމަލް ހިންގި ފުލުހުންނާމެދު އިދާރީ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، އެ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.