07 Jul 2019, 18:27
މަގުބޫލު އުޒުރެއްނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން މަސް ދުވަހުން، ދެ ބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރު ނުވެއްޖެ ނަމަ މެންބަރުންގެ މުސާރައިގެ 50 ޕަސެންޓް އުނިކުރާ ގޮތަށް މަޖިލީހުގެ ގަވާއިދުގައި ހިމަނަން ފާސްކޮށްފިއެވެ.
އެގޮތުން މަގުބޫލު އުޒުރެއްނެތި މަހެއްގެ ދެބައިކުޅަ އެއްބައި ޖަލްސާއަށް މެމްބަރަކު ސަލާމްބުނެފި ނަމަ އެ މެމްބަރެއްގެ މުސާރައިގެ ދެބައިކުޅަ އެއްބައި ކެނޑުމަށް ގަވާއިދަށް ބަދަލު ގެނައުމަށް ވަނީ ފާސްކޮށްފަ އެވެ.
ގަވާއިދުގައި ހިމަނަން ފާސްކުރި އިސްލާހުގައިވާގޮތުން މަގުބޫލު އުޒުރެއްގެ ގޮތުގައި ބެލޭނީ ޗުއްޓީ އާއި ސަލާމެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް އަދި ނުނިމެއެވެ. ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ވަނީ މީގެ ކުރިން އާންމު ރައްޔިތުންގެ ހިޔާލު ހޯދާފަ އެވެ.
މަޖިލިސް މައްސަލަތަކާއި ބިލްތަކުގައި ބަހުސްތަގެ ވަގުތު ހަތަރު ގަޑި އިރަށް ދިގު ކުރުމަށް މަޖިލިސް ގަވައިދަށް އިސްލާހު ގެނެއުމަށް، އެ ކޮމެޓީން ވަނީ މީގެ ކުރިން ފާސް ކޮށްފަ އެވެ.
މަޖިލިސް ގައިވައިދުގައިވާ ގޮތުން މީގެ ކުރިން ބަހުސްގެ ވަގުތަކީ ތިން ގަޑި އިރެވެ. އަދި މެމްބަރުންނަށް ވާހަކަ ދައްކަން ލިބެނީ، ޕާޓީތަކަށް ނިސްބަތްވާ އަދަދަށް ބަލާ އެ ޕާޓީ އަކަށް ހަމަޖެހޭ ވަގުތުކޮޅެވެ.