07 Jul 2019, 16:33
ދަރަނީގެ ގޮތުގައި ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ މިންވަރާ ގުޅޭ ގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ޗައިނާގެ ސަފީރު ޖަންގްލީ ޖޮންގް ވިދާޅުވެއްޖެ އެވެ.
ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައްހަ ނޫން، އަދި ހަގީގަތް އޮޅޭ ފަދަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދެ ގައުމެއްގެ ދެމެދުގައި ވާހަކަ އާއި މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަން ސަފީރު ވަނީ ފާހަގަކުރައްވައިފަ އެވެ.
"އެއްވެސް ކަހަލަ ޝައްކެއް އުޅޭ ނަމަ، ރަނގަޅު ތަސްވީރު ހޯދާލުމަށް ބޭނުންވަނީ އެންމެ ފޯން ކޯލެއް،" ސަފީރު ވިދާޅުވި އެވެ.
ސަފީރު އެ ޓުވީޓު އަމާޒު ކުރައްވައިފައި ވަނީ ސީދާ ނަޝީދަށެވެ. ސަފީރު ވަނީ އެ ޓުވީޓުގައި ނަޝީދު ޓެގް ވެސް ކޮށްފަ އެވެ.
ލިއޮން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ދަރަނީގެ ގޮތުގައި ޗައިނާ އިން ފައިސާ ނެގުމަށް އެއްވެސް ގައުމަކަށް މަޖުބޫރު ކަމެއް ނެތް ކަމަށެވެ. އަދި ޗައިނާގެ ޕާޓްނަރަކު ދަރަނިވެރިވެގެން ދާތަން ބަލަން ވެސް ޗައިނާ އިން ބޭނުން ނުވާ ކަމަށެވެ.
ޗައިނާ ސަފީރާއި ނަޝީދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުވާން ފަށައިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ހިންގި މަޝަރޫއުތަކަށް ދަރަނީގެ ގޮތުގައި ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.
އެއަށް ރައްދު ދެއްވައި ސަފީރު ލިއޮން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޗައިނާ ދަރަނި އުޅެނީ 1.5 ބިލިއަން ޑޮލަރުގައި ކަމަށެވެ.