07 Jul 2019, 14:56
ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވިގެން އުޅޭ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުން މަދަމާގެ ޖަލްސާއަށް ތާވަލް ކޮށްފި އެވެ.
މިދިޔަ މަހު 18 ވަނަ ދުވަހު އިމްރާން މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މިނިސްޓަރާ ސުވާލުކުރާ ނަމަ، އެ ބޭފުޅަކަށް މަޖިލިހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ.
މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު، އަމިނަތު ނިއުޝާ ވިދާޅުވީ، މިނިސްޓަރު އިމްރާންއަށް ސުވާލު ކުރުމަށް މާދަމާ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ކަމަށެވެ.
މެމްބަރު ނާޝިދު މަޖިލީހަށް ހުށަހެޅި ސުވާލުގައި ބުނެފައިވަނީ، ލުތުފީ ރާއްޖެ ގެނައުމަށް ހޯމް މިނސްޓްރީން އެއްވެސް މަސައްކަތެއް ކުރަމުންދޭތޯ ސާފުކުރުމަށެވެ.
ލުތުފީ ލަންކާގެ އެމްބަސީއާ ހަވާލުވި ކަން ފުލުހުން ހާމަކޮށްފައި ވަނީ، އިމްރާން އާ ސުވާލު ކުރުމަށް ނާޝިދު މަޖިލީހަށް ގެނައުމަށް ހުށަހެޅި ފަހުންނެވެ. މެއި 1 ވަނަ ދުވަހު ލުތުފީ އެމްބަސީއާ ހަވާލުވި ކަން ފުލުހުން އެންގީ އޭގެ ދެމަހެއްހާ ދުވަސްފަހުން މިދިޔަ މަހު 24 ވަނަ ދުވަހު އެވެ.
ލުތުފީ ނުގެނެސް ލަސްވަމުންދާތީ ސަރުކާރަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ލުތުފީ ރާއްޖެ ގެނައުން ލަސްވެގެން ދިޔައީ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު އޭނާ ގެންނަން ބޭނުންވާތީ ކަމަށާއި، ގަވާއިދާ ހިލާފަށް، ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ލުތުފީ ގެންނަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.
ވަކި ތާރީހެއް ވިދާޅުނުވި ނަމަވެސް ވަރަށް އަވަހަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ސްރީލަންކާ ހަނގުރާމަކުރި ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.